English Edition
Dhivehi Edition

ގދ. ގައްދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، އޭބީސީ ލޭޔަރ އެޅުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން ލިމިޓެޑް (އާރު.ޑީ.ސީ) އިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ ރިންގްރޯޑް ހިމެނޭހެން ބޮޑު 06 މަގެއްގައި ތާރުއެޅުމަށް ވަނީ ހަމަޖެހިފައެވެ.

ގައްދޫ މަގު ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އާރް.ޑީ.ސީ އާއި ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 06 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެވިގެންދާނެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަށާފައިވާއިރު، މަގުތަކުގައި ތާރުއެޅުމުގެ ކުރިން ކުރަންޖެހޭ މުހިއްމު މަސައްކަތްތަކެއް އާރް.ޑީ.ސީން މިވަގުތުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ރަށުގެ ރިންގްރޯޑު ކަމަށްވާ ވަތަބަނޑޭރި މަގުގެ ސައިޑްވޯކް ކޮނެ، ޝަޓަރިންގ މަސައްކަތް ނިމި، ކޮންކްރީޓް ކީވޯލްގެ މަސައްކަތް ވެސް މިހާރު ނިމިފައިވާކަމަށް އެ ކޯރޕަރޭޝަނުން ވިދާޅުވެއެވެ.

މި މަސައްކަތުގެ ދަށުން މިވަގުތު ބައެއް މަގުތަކުގެ ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތާއި ސައިޑް ވޯކްސް ގާޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައިކަމަށް ވެސް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން މަޢުލޫމާތުދެއެވެ.

ގައްދޫ ބައެއް މަގުތަކުގައި ވެހިކަލު ދުއްވަން އުނދަގޫވުމާއި، ވިއްސާރަ ދުވަސްވަރު މަގުތަކުގައި ފެންބޮޑުވާ ކަމުގެ ޝަކުވާއަކީ އެ ރަށު ރައްޔިތުން ދުވަސްތަކެއްވަންދެން ކުރަމުންދިޔަ ޝަކުވާތަކެކެވެ. މަގުހެދުމުގެ މަޝްރޫޢާއެކު އެ ޝަކުވާތަކަށް ނިމުމެއް އައިސް، ރަށަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ގދ. ގައްދޫ ކައުންސިލުންވެސް ފާހަގަކުރައްވައެވެ.

ދިވެހި ސަރުކާރުގެ ޑޮމެސްޓިކް ބަޖެޓުން 75 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން، ޓްރެފިކް ނިޝާންތައް ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ. ގައްދޫއަކީ ގދ. އަތޮޅުގައި ދެވަނަ އަށް އެންމެ އާބާދީ ބޮޑު ރަށެވެ.