English Edition
Dhivehi Edition

ގދ. ހޯނޑެއްދޫ އިން ހޮރައިޒަން ފިޝަރީޒް އަށް މަސް ފެކްޓްރީ އެއް ހިންގުމަށް ދެވިފައިވާ ބިމުގެ އެގްރިމެންޓް ބާޠިލްކޮށް ދިނުމަށް އެދި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ޤަރާރެއް ފާސްކޮށްފިއެވެ.

އެގޮތުން މިމަހުގެ 22 ވަނަ ދުވަހު ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ނެރުނު ޤަރާރުގައި ބުނާގޮތުން ހޮރައިޒަން ފިޝަރީޒް އިން 2005 ވަނަ އަހަރުން ފެށިގެން ގދ. ހޯނޑެއްދޫގައި ހަދަން ފަށާފައިވާ މަސްފެކްޓަރީ ހުޅުވި މަސް ކިރުމުގެ މައްސަލައަށް ހައްލެއް ލިބިގެން ދިއުމަކީ ހުވަދުއަތޮޅުގެ މަސްވެރިން ދެކެމުންއައި ވަރަށް ފޮނި އުންމީދެއް ކަމަށާއި، 16 އަހަރު ވީއިރުވެސް ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ނުގެނެވި އޮތުމަކީ މަސްވެރިންނަށް ވެވޭ ބޭއިންސާފެކެވެ.

މީގެ އިތުރުން ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބޮޑުބައި ނިމިފައި ވުމާއެކު އެތަން އޮޕަރޭޝަނަށް ގެނެވިއްޖެ ނަމަ އަވަސް މުއްދަތެއްގެ ތެރޭގައި މަސްވެރިންނަށް ދިމާވެފައިވާ މަސް ކިރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ދެކޭ ކަމަށާއި ހުވަދޫ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެނައުން ނުވަތަ ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސަށް ދެވިފައިވާ ބިމުގެ އެގްރިމެންޓް ބާޠިލްކޮށް ދިނުމަށް ސަރުކާރުން ކުރަންހުރި މަސައްކަތްތައް ހަލުވި ކޮށްދިނުމަށް ސަރުކާރަށް ދަންނަވައި ނެރޭ ގަރާރެއް ކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ.

ހޯނޑެއްދޫގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަސް ފެކްޓްރީގެ މަސައްކަތް ނިންމައި ޚިދުމަތް ފޯރުކޮށްދިނުމަށް ބާރުއެޅުމަށް ހޯޑެއްދޫ ކައުންސިލުން ވެސް ވަނީ ސަރުކާރުގެ ކަމާއި ގުޅޭ މުއައްސަސާތަކަށް ގޮވާލާފައެވެ. އަދި އެ މަސައްކަތް ނުނިމި ގިނަ ދުވަސްވުމުން މިމައްސަލަ ހައްލުކޮށް އެތަނުގެ ޚިދުމަތް ލިބޭނެ ގޮތް ހަދައިދިނުމަށް ރައީސަށް ހުށަހެޅުމަށްޓަކައި ޕެޓިޝަނެއް ތައްޔާރުކޮށް އެ ޕެޓިޝަނުގައި ގިނަ ބަޔަކު ދަނީ ސޮއި ކުރަމުންނެވެ.

ހުވަދު އަތޮޅަކީ މަސްވެރިން ގިނަ އަތޮޅަކަށް ވެފައި މިވަގުތު ހުވަދު އަތޮޅުގައި މަސް ކިރުމަށް ހެދިފައި ވަނީ ކޫއްޑޫ މަސް ފެކްޓަރީ އެކަނި ކަމުގައި ވާތީ، މަސްވެރިކަން އާދައިގެ ދުވަސްވަރު ވެސް މަސްކިރުން ވެގެން ގޮސްފައި ވަނީ މަސްވެރިންނަށް ތަކުލީފަކަށެވެ.