އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި “23 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް” ގެ 17 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ޓީމަކަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފިއެވެ.
މި މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރި 17 އަހަރުން ދަށުގެ ފިރިހެން ބައިވެރިން ވަނީ 12 ރަން މެޑެއްޔާއި 03 ރިހި މެޑެއްޔާއި 02 ލޯ މެޑެލް ހޯދާފައެވެ. އެގޮތުން އެ ސްކޫލުން ވަނީ މި މުބާރާތުގެ ފިރިހެނުންގެ ލޯންގް ޖަމްޕް އަދި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމާއި 800 މީޓަރު ދުވުމުގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު ދުވުމާއި ހަތަރެއް ގުނަ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.
މި މުބާރާތުގައި އެ ސްކޫލުން ވާދަކުރި 17 އަހަރުން ދަށުގެ އަންހެން ބައިވެރިން ހޯދި ރިހި މެޑަލްތަކަށް ބަލާއިރު ފިރިހެނުންގެ ޑިސްކަސް ތުރޯ އަދި 100 މީޓަރު ދުވުމާއި 1500 މީޓަރު ދުވުން ހިމެނެއެވެ. ހަމަ އެހެންމެ ފިރިހެނުންގެ ޖެވެލިން ތުރޯ އަދި 200 މީޓަރު ދުވުމުން ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރި 17 އަހަރުން ދަށުގެ ބައިވެރިން ވަނީ ލޯ މެޑަލް ހޯދާފައެވެ.
މީގެ އިތުރުން މި މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރި 17 އަހަރުން ދަށުގެ އަންހެން ބައިވެރިން ވަނީ 02 ރަން މެޑެއްޔާއި 06 ލޯ މެޑެލް ހޯދާފައެވެ. އަދި އެ ސްކޫލުން ވާދަކުރި 15 އަހަރުން ދަށުގެ ފިރިހެން ބައިވެރިން 02 ރަން މެޑެއްޔާއި 08 ރިހި މެޑެއްޔާއި 01 ލޯ މެޑެލް ހޯދާފައިވާއިރު އަންހެން ބައިވެރިން 06 ރިހި މެޑެއްޔާއެކު މި މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރި ބައިވެރިން ވަނީ ޖުމްލަ 16 ރަން މެޑެއްޔާއި 17 ރިހި މެޑެއްޔާއި 09 ލޯ މެޑެލް ހޯދާފައެވެ.
ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރި ދަރިވަރުން ހޯދި ކާމިޔާބީ ފާހަގަކޮށް ހިއްވަރު ދިނުމުގެ ގޮތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުލް މުޢުނީ ވަނީ މުޅި ޓީމަށް މިއަދު މެންދުރު ކެއުމެއް ދިނުމަށް ނިންމާފައެވެ.
މި މުބާރާތުގައި ޖުމުލަ 47 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަތޮޅުތަކުގެ 25 ސްކޫލަކުން ބައިވެރިވި އިރު ބާކީ 22 ސްކޫލަކީ މާލޭގެ ސްކޫލުތަކެވެ. މުބާރާތުގައި ޖުމުލަ 102 އިވެންޓު ކުރިއަށްދިޔައެވެ. ހަތަރު އުމުރުފުރާއަކަށް ކުރިއަށްދިޔަ މި މުބާރާތުގައި ހިމެނެނީ 13، 15، 17، އަދި 19 އަހަރުން ދަށުގެ އުމުރުފުރާއިން ޖުމްލަ 1800 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވިއެވެ.