އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި “23 ވަނަ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް” ގެ 17 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިބްރާހިމް ނާހިލް ނިޒާރު ހޯދައިފިއެވެ.
މި މުބާރާތުގައި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވާދަކުރި ނާހިލް ވަނީ ބައިވެރިވި ހުރިހާ އިވެންޓެއްގެ ރެކޯޑް މުގުރާލައި ފަސް ރަން މެޑަލް ހޯދާފައެވެ. އެގޮތުން ނާހިލް ވަނީ މި މުބާރާތުގެ ފިރިހެނުންގެ ލޯންގް ޖަމްޕް އަދި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގެ އިތުރުން ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޓީމާއެކު ހަތަރެއް ގުނަ 100 މީޓަރު ދުވުމާއި ހަތަރެއް ގުނަ 200 މީޓަރު ދުވުމުން ރަން މެޑަލް ހޯދާފައެވެ.
މުބާރާތުގައި ނާހިލް އެންމެ ފުރަތަމަ މުގުރާލީ 100 މީޓަރު ދުވުމުގެ އިލެކްޓްރޯނިކް މީޓް ރެކޯޑެވެ. 100 މީޓަރު ދުވުމުގައި މީގެ ކުރިން ރެކޯޑު އޮންނަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ އިސްދަރިވަރު ރާހިލް ވާފިރު އަތުގައެވެ. ރާހިލް ރެކޯޑު ހަދާފައި ވަނީ 11.7 ސިކުންތުގެ ތެރޭގައި ރޭސް ނިންމައިގެންނެވެ. އެހެންނަމަވެސް މިއަހަރުގެ މުބާރާތުގައި ނާހިލް އެ ރެކޯޑު މުގުރާލީ 11.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ދެވަނައަށް ނާހިލް މުގުރާލީ 200 މީޓަރު ދުވުމުގެ މީޓް ރެކޯޑެވެ. ބުރާސްފަތި ދުވަހު ހަވީރު އޮތް 17 އަހަރުން ދަށުގެ 200 މީޓަރު ދުވުމުން ނާހިލް ވަނީ 23.2 ސިކުންތުގެ ތެރޭގައި ރޭސް ނިންމާފައެވެ. މީގެ ކުރިން މި ރެކޯޑުވެސް އޮންނަނީ ރާހިލް އަތުގައެވެ. ރާހިލް އޭރު ރެކޯޑު ހަދާފައި ވަނީ 23.8 ސިކުންތުން ރޭސް ނިންމައިގެންނެވެ. ނާހިލް އެރެކޯޑު މުގުރާލީ 23.2 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މުބާރާތުގައި ބުރާސްފަތި ދުވަހުގެ ހެނދުނު ނާހިލް ޕާފޯމްކުރީ ލޯންގް ޖަމްޕް އިވެންޓުގައެވެ. މި އިވެންޓުގައި ނާހިލް ރެކޯޑު ހެދީ 6.43 މީޓަރު ދުރަށް ފުންމައިގެންނެވެ. މިއީ ނެޝަނަލް ޖޫނިއަރގެ ވެސް ރެކޯޑެވެ. މީގެ ކުރިން މީޓްގެ ރެކޯޑަކީ 6.01 މީޓަރެވެ. މީގެ އިތުރުން 17 އަހަރުން ދަށުގެ 4*200 ރިލޭގައިވެސް ނާހިލް ބައިވެރިވި ގދ. އަތޮޅު ތައުލީމީ މަރުކަޒުން ވަނީ މީޓް ރެކޯޑު ހަދާފައެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ ޓީމް އިވެންޓްތައް ވެސް ނާހިލް ނިންމާލީ ރެކޯޑްތަކާއެކުގައެވެ. އެގޮތުން ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް ގދ. އަތޮޅު ތައުލީމީ މަރުކަޒުން މުގުރާލީ، 46.4 ސިކުންތުން ރޭސް ނިންމައިގެންނެވެ. މިއީ މި މުބާރާތުގެ އައު ރެކޯޑެކެވެ. މި ރެކޯޑް ކުރިން އޮންނަނީ ވެސް އެ ސްކޫލުގެ އިސްދަރިވަރުންގެ އަތުގައެވެ. މީގެ އިތުރުން އިތުރުން ހަތަރެއް ގުނަ 200 މީޓަރު ރިލޭގެ ރެކޯޑް ގދ. އަތޮޅު ތައުލީމީ މަރުކަޒުން މުގުރާލީ 1 މިނެޓް 40.33 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓްގެ ރެކޯޑްވެސް މީގެ ކުރިން އޮންނަނީ ހަމަ އެސްކޫލުގެ ދަރިވަރުންގެ އަތުގައެވެ.