English Edition
Dhivehi Edition

ގދ. ކާޑެއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެ މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެގޮތުން މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އެއްގަމުތޮށި ޖައްސަން ބޭނުންވާ ސަރަޙައްދު ކޮނުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ.

ދެކުނުގެ އެންމެ މުހިންމު އެއް އެއަރޕޯޓު އޮންނަ ގދ. ކާޑެއްދޫގައި މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ މީގެ 28 އަހަރު ކުރިން އެރަށުގެ އެއަރޕޯޓް ތަރައްގީކުރި އިރު ހަދާފައިވާ ބަނދަރެކެވެ. މި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް މި އަހަރު ކުރީ ކޮޅު ވަނީ ވެއްޓިފައެވެ. އޭގެ ސަބަބުން އެ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން މިހާރު ކާޑެއްދޫގައި ތަރައްގީކުރާ ބަނދަރުގެ މަޝްރޫއުގެ ދަށުން، 170 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 890 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 9.52 މިލިޔަން ރުފިޔާއަށެވެ.