ގދ. ރަތަފަންދުއަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދާދިނުމުގެ ގޮތުން ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.
ރަތަފަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މި މަސައްކަތް ފަށަން ނިންމާފައިވާ ތާރީޚު ޖޫން އަދި ޖުލައިގެ ކޮޅިގަނޑު ދިމާވި ނަމަވެސް އިތުރު ހިތްވަރެއް ލައި، އެ ރަށުގެ ރަށް ގިރުމުގެ މަޝްރޫއު މިއަހަރު ތެރޭ ނިންމުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ރަތަފަންދޫ ކައުންސިލްގެ ރައީސް މުހައްމަދު އަބްދުﷲ ވިދާޅުވީ ރަށް ގިރުމުގެ ސަބަބުން ރަށު ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފެއް ލިބޭ ކަމަށާއި، އެ ސަރަހައްދުން އެހެން ސަރަހައްދުތަކަށް ހިޖުރަކުރަން ވެސް މަޖުބޫރުވެފައިވާ ކަމަށެވެ. އަދި ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢު އާއެކު ރަށްޔިތުން ކުރި ދިގު އިންތިޒާރަށް ނިމުން އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތް ފެށުމަށް މިހާރު އީއައިއޭ މަސައްކަތް ނިންމާ މޮބަލައިޒްކުރަން ވަނީ ތައްޔާރުވެފައެވެ. 210 ދުވަސް ތެރޭ ނިންމުމަށް ހަވާލުކޮށްފައިވާ މި މަސައްކަތުގެ ދަށުން 461 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 240 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 6600 އަކަމީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ކުރާނެއެވެ.
ގދ. ރަތަފަންދޫ ގޮނޑުދޮށް ހިމާޔަށް ކުރުމުގެ މަޝްރޫޢަކީ 27.84 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
ރަތަފަންދޫއަށް ދިމާވެފައިވާ އެންމެ ހިތާމަވެރި އަދި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން އޮތް ރަށް ގިރުމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި އެ ރަށުގެ ގިރާ ސަރަޙައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އެޕްރީލް މަހުގައެވެ.