English Edition
Dhivehi Edition

އައްޑޫ އާއި ޓުޓްކޮރިންއާ ދެމެދު ކުރަމުން އައި ދަތުރުތަކުގެ ޑިމާންޑު މިދުވަސްވަރު ކުޑަކަމަށާއި ޑިމާންޑު އޮތް މިންވަރަކަށް ބަލާ ޗާޓަރު ދަތުރުތައް ބާއްވާނެކަމަށް އެމްއެސްއެސްއިން ވިދާޅުވެއްޖެއެވެ.

އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީއާ ދެމެދު ބާއްވަމުން އައި ދަތުރުތަކުގައި އެމްއެސްއެސް އިން ބޭނުން ކުރަމުން އައިސްފައިވަނީ ބޮންތި- 2 ނަމަކަށް ކިޔާ ކާގޯ ބޯޓެކެވެ. އެހެންނަމަވެސް މި ބޯޓަކީ ވަރަށްބޮޑަށް ބާވެފައި އޮތް ބޯޓަކަށްވުމުން މި ބޯޓު އިތުރަށް ބޭނުން ނުކުރަން ނިންމާފައިވާ ކަމަށް އެމްއެސްއެސްއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ އެހެން ބޯޓެއް ލިބެންދެން އައްޑޫ ސަރވިސް ހުއްޓާލާފައިވާ ކަމަށެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭ ޚިދުމަތްދޭން ފަށާފައިވާ މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަކީ އެސްޓީއޯގެ %99.99 އޮންނަ ކުންފުންޏެކެވެ. ބާކީ އޮތް %0.01އަކީ ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ހިއްސާއެވެ.

އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދު ފެށި ކާގޯފެރީ ދަތުރުތައް ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 21 ވަނަ ދުވަހުގައވެ. އަދި އައްޑޫއަށް ފަށާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

އެމްއެސްއެސްއިން ވަނީ ދާދި ފަހުން ބަލްކް ކެރިއާއެއް ގަނެފައެވެ. އެމްއެސްއެސް ކްރޮމް”ގެ ނަން ދީފައިވާ މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއަށް ކޮންސްޓްރަކްޝަން ސާމާނު އެތެރެކުރުމަށެވެ. މިއީ މިހާތަނަށް ދިވެހި ދިދަ ނެގި ރާއްޖޭގެ އެންމެ ބޮޑު ބޯޓެވެ. މި ބޯޓު މިމަހުގެ ފަހުކޮޅު ޔޫ.އޭ.އީން މުދަލާއެކު ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.