English Edition
Dhivehi Edition

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިނަލްއަގްވާމީ މަންމައިންގެ ދުވަސް ފާހަގަކުރުމަށްޓަކައި އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިޔައިރު، މި ދުވަސް ފާހަގަކުރުމަށް ގިނަ އަދަދެއްގެ ދިވެހިންވެސް ވަނީ ގިނަ ކަންތައްތަކެއް ބާއްވާފައެވެ. ސޯޝަލް މީޑިއާއަށް ބަލާލުމުން މިކަން ވަރަށް ރަނގަޅަށް ފެނިގެންދާއިރު، މި ދުވަސް ފާހަގަކުރުމަށް ‘މަންމަ’އިންގެ ފޮޓޯތަކުން ސޯޝަލް މީޑިއާ ފުރާލިއެވެ. ހަދިޔާ ބަދަލުކުރުމާއެކު މަންމައިންނަށް ދުވަހުގެ ހެޔޮ އެދުންތައް ވަނީ އޮއްސާލާފައެވެ.

އެހެންނަމަވެސް މި ހުރިހާ ކަމެއް އެއް ފަރާތްކޮށްލުމަށް ފަހު، އެންމެ ބޮޑަށް ހިތާއި ކުޅެލީ ރާޅުގަނޑު ބޮޑުބެރު ގުރޫޕްގެ ބާނީ އަދި ކުޅަދާނަ ލަވަކިޔުންތެރިޔާ ހައްމާދު ރަޝީދު (ހަމްޕު) ދޫކޮށްލި ރީތި މަދަހައެވެ ،މަންމައިންގެ ދުވަހަށް ހާއްސަކޮށްގެން ހަމްޕު ސޯޝަލް މީޑިއާ އަށް ދޫކޮށްލި މަދަހައާއި އެކު ސޯޝަލް މީޑިއާގެ ‘ހުވަފެނީ’ ފޮޓޯ ތަކުން އެއް ފަރާތަށް ޖެހިލަން މަޖުބޫރުވިއެވެ. އެ މަދަހައިގައި ފެނިގެން ދިޔަ ކޮންމެ މަންޒަރަކީ ހިތަށް ފުން އަސަރުތަކެއް ކުރުވި މަންޒަރުތަކެކެވެ. މިއަދުގެ ހަގީގަތެވެ. އިބުރަތުން ފުރިގެންވާ އެތައް ވާހަކައެކެވެ.

ދަރިއަކަށްޓަކައި، އެ ކުއްޖާގެ މަންމަ ވީ ގުރުބާނީ އާއި ރޭގަނޑު ނަގާލި ނިދި ފެނިގެން ދިޔަ މި މަދަހަ ނިމެން ދެން ބަލަން ހުރެވުނީ ޝައުގުވެރިކަމާއެކުގައެވެ. މަންމަ އިން ދަރިންނަށްޓަކައި ވާ ގުރުބާނީ އާއި ކުރާ ދުޢާތަކާއި އެ ދަރިފުޅު ބޮޑުވެ ޒުވާން އުމުރުގައި މަންމައާއި ދޭތެރޭ ކަންތައް ކުރި ގޮތް މި މަދަހައިން ދައްކާ ދީފައިވަނީ ވަރަށް ވެސް ފުރިހަމައަށެވެ.

މިއަދުގެ ބިޒީ ދިރިއުޅުމުގައި ދަރިން މައިންބަފައިންގެ ކަންކަމުގައި ފަރުވާ ކުޑަކޮށްފައިވާ މިންވަރާއި، އެންމެ ފަހު ނޭވާއާއި ހަމައަށް މައިންބަފައިން ވާ ގުރުބާނީ މި މަދަހައިގައި ގެނެސްދީފައިވެއެވެ. ކުރެވުނު ކުށްތަކާއި، ބުނެވުނު ބަސްތަކަށް މައާފަށް އެދޭނެ ފުރުސަތެއް ނުލިބި މަންމަ، ވަކިވެގެން ދިއުމުން ދަރިއަކު ރުއިރުއިމާއި، އެ މަންމައާއި މެދު ކަންތައް ކުރެވުނު ގޮތުން ހިތުގައި ޖެހިފައިވާ މިންވަރު މި މަދަހައިން ފެނިގެން ދިޔައެވެ.

ހަގީގަތުގައި މިއީ މިއަދުގެ މުޖްތަމައުގެ ހާލަަތެވެ. ހާއްސަ ދުވަހެއް އައުމުން މައިންބަފައިންގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްލުމަށްފަހު، އެ ލިޔެލާ ޕޯސްޓުން ހައްގު އަދާކުރެވުނީ ކަމަށް ހީކުރާ މީހުން ވަަރަށްވެސް ގިނައެވެ. އެހެންނަމަވެސް އެ ފަދަ ޕޯސްޓެއްގެ ބަދަލުގައި އެމީހުންނަަށް އަޅާލާ އޯގާތެރިކޮށް، ހެޔޮކޮށް ހިތުމުގެ މުހިއްމުކަން ހަމްޕުގެ މި މަދަހައިން ފެނިގެން ދެއެވެ.

މަންމައިންގެ ދުވަހު ހަމްޕުގެ މި ހަދިޔާ ވަރަށް ފުރިހަމައެވެ. އުއްމީދަކީ މިއީ ގިނަ ބައެއްގެ ލޯ ހުޅުވިގެން ދިއުމަށް ހުޅުވުނު މަގަކަށް ވުމެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެ މައިންބަފައިންގެ އަގު ވަޒަންކުރަން ޖެހެއެވެ.

1 ކޮމެންޓް
belun theriya
މެއި 9, 2022
meega laafa in video eh nufeney. Youtube .link laadheebala admin beybe