English Edition
Dhivehi Edition
މަސްތިވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް - ފައިލް ފޮޓޯ

ކުރިއަރ މެދުވެރިކޮށް ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނީ މިތަކެތި އަތުލައިގަނެފައިވަނީ ކުރިއަރ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައި، ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އެޕްރީލް 28 ވަނަ ދުވަހު ވައިގެ މަގުން އެތެރެކޮށްފައިވާ ޕާރްސަލެއް ބަލާ ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބާވަތެއް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފަޓަމައިން (Methamphetamine – 1,363 grams) އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 1.363 ކިލޯ ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 500,000.00 (ފަސްލައްކަ) ރުފިޔާއަށް އަރާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޙަވާލުކުރެވިފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.