English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ގއ. ވިލިގިއްޔާއި ގެމަނަފުށީ ގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގި އޮޕަރޭޝަންތަކެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންތަކުގެ ތެރެއިން ވިލިނގިލީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހު 6 ވަނަ ދުވަހު ކަމަށެވެ.

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން 37 އަހަރުގެ ދިވެހި ފިރިހެނަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގއ. ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތުދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ގެމަނަފުށީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަން ހިންގީ މި މަހު 5 ވަނަ ދުވަހުގެ ރޭ ކަމަށް ފުލުހުން ބުނެއެވެ.

މި އޮޕަރޭޝަން ގައި އެ ރަށު މަގުމަތިން 29 އަހަރުގެ އެ މީހާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަ ހޮޅިކޮޅު ފެނިފައިވާކަމަށާއި އޭނާ ދިރިއުޅޭ ގެ ކޯޓުއަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެއްޗާއި، މޯބައިލް ފޯނުތަކަކާއި، ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެމަނަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 14 ދުވަހުގެ މުއްދަތުދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.