English Edition
Dhivehi Edition
ހުޅުމީދޫގެ ރައްޔިތުންނާ މެޑަމް ފާތުން އާއި ބައްދަލުކުރުން- ފޮޓޯ ލުބްނާ މަޖީދު މުޚުތާރު- އޭއޯނިއުސް

ރާއްޖޭގެ ވަރަށް ގިނަ ރައީސުންގެ އަބިކަނބަލުންތަކެއް ފެނިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް މެޑަމް ފާތުން ކުރައްވަވާ ގޮތަށް މަސައްކަތްޕުޅު ކުރެއްވެވި ފަސްޓްލޭޑީއެއް އަދި މި ރާއްޖެއިން ފެނިފައިނެތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މެޑަމް ފާތުން އައްޑޫސިޓިއަށް ކުރައްވަވާ ދަތުރުފުޅުގައި އިއްޔެ ހަވީރު މީދޫ ޝަމްސުއްދީން ސްކޫލުގައި ހުޅުމީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މެޑަމް މިކުރައްވަވާ ދަތުރުތަކަކީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވަވާ، ރައްޔިތުންގެ ޙާލު ދެނެގަނެ އަދި އެކަންކަމުގައި މެޑަމް އަށް ކޮށްދެވެން ހުރި އެހީތަކަކީ ކޮބައިތޯ ބެއްލެވުމަށްފަހު ރަށުގެ ތަރައްގީއަށާއި ކުރިއެރުމަށް ބޭނުންވާ އެހީތެރިވެ ދެއްވުމަށް ކުރައްވަވާ ދަތުރުފުޅެއް ކަމަށެވެ.

މި ބައްދަލުވުމުގައި ހުޅުމީދޫގެ ރައްޔިތުންގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ،އިސްރަށްވެހިންނާ، އަންހެނުންގެ ޖަމިއްޔާތަކުގެ އިތުރުން ޒުވާނުންނާާއި ޕީޕީއެމްގެ ސަޕޯޓަރުންނާވެސް އެކަމަނާ ވަނީ ބައްދަލުކުރައްވަވާފައެވެ.

މި ބައްދަލުވުންތަކުގައި ކޮންމެ ގުރޫޕަކުން ވެސް ވަނީ ގިނަ ހުށަހެޅުންތަކެއް އެކަމަނާއަށް ހުށަހަޅުއްވަވާފައެވެ. މިގޮތުން ޒުވާނުންގެ ކަންކަމުގައި ހުޅުމީދޫގައި މިހާރު ދިމާވެފައިވާ ދަތިތަކާ ބެހޭ ގޮތުން ޒުވާނުންގެ ފަރާތުން ވާހަކަ ދައްކާފައިވާއިރު އުމުރުން ދުވަސްވީ މީހުންނާއި އަދި އަންހެން ކަނބަލުންގެ ވަނީ ރަށުގެ ތަރައްގީއަށް މިވަގުތު ބޭނުންވާ އެކިކަންކަމާ ބެހޭގޮތުން ވާހަކަ ދައްކާ ، ސަރުކާރުގެ ތެރެއިން އެކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް އެދި ދަންނަވާފައެވެ.

މެޑަމް ފާތުންގެ މިދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފުގެ އިތުރުން ބައެއް މަޖިލިސް މެމްބަރުންނާ، ސަރުކާރު ކުންފުނިތަކުގެ އެމްޑީން ބައިވެރިވެވަޑައިގަންނަވައެވެ.