English Edition
Dhivehi Edition

މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި އަޅުގަނޑުމެން ކުތިމަތިލީ ނުހަނު ފޮނި އުންމީދުތަކަކައި އެކުގައެވެ. މުޅި އަހަރު ދުވަހު ކުރެވިފައިވާ އެންމެހާ ކުށްފާފަތައް ފޮހެލާ ނަފުސު ޡާޙިރުކޮށްލުމުގެ ވަރުގަދަ އަޒުމުގައެވެ.

ރަމަޟާންމަސް ނިމެނީއެވެ. ދެން މި ރަމަޟާން މަހުން ބާކީ އޮތީ އެންމެ ދުވަހެކެވެ. އެހެން ކަމުން މި މައްސަރު ލިބުމުގެ ނަސީބު ލިބުނު މީހުން އެބައިމީހުންގެ މަޤްޞަދު ޙާޞިލް ވި ބާވައެވެ. ނުވަތަ އެ މަޤްޞަދު ޙާޞިލް ކުރަން ގަދަ އަޅާ މަސައްކަތް ކުރެވުނު ބާވައެވެ. އަދި އެގޮތައް މަސައްކަތް ކުރެވުނު ނަމަ އެކަން އެމީހަކަށް އެނގޭނެ ގޮތެއް އެބައޮތް ބާވައެވެ.

ޝައްކެތްވެސް ނެތް ގޮތުގައި ރަމަޟާންމަސް ލިބި އެމަހުގެ ފޮނި މީރުކަން ލިބުނުކަން އެމީހަކަށް އެނގޭނެ ނުވަތަ އެނގިގެން ދާނެ ބައެއް އަލާމާތްތައް ޢިލްމުވެރިން ބަޔާންކޮށްދެއްވަވާފައި ވެއެވެ.

އޭގެ ތެރޭގައި ފުރަތަމަ ކަމަކީ ތިބާއަށް ހެޔޮ އަމަލެއް ކުރެވުމުން އެކަމުގެ އުފާވެރިކަން އިޙުސާސްވުމެވެ. ނުވަތަ އެ ޢަމަލެއް ކުރެވުމުން ތިމާގެ ހިތައް ހިތްހަމަޖެހުން ލިބުމެވެ.

ދެވަނަ ކަމަކީ ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުވަތަ ކުށެއް ކުރެވިއްޖެނަމަ އެކަމަކާއިމެދު ދެރަވެ ހިތާމަކޮށް ހިތަށް މޮޅިވެރިކަން އިޙްޞާޞްކުރެވުމެވެ. އަދި އެ ފާފައަށް އަވަހަށް ތައުބާވުމަށް ބޭނުންވެ އެކަން އެގޮތައް ކުރެވުމެވެ.

ﷲ ތަޢާލާ ތިމާއަށް މިންވަރު ކުރައްވަވާނީ ކޮންފަދަ ޙާލަތެއްކަމާއިމެދު ވިސްނައި ގިނަގިނައިން ފިކުރުކޮށް އެކަމާއި ދެރަވާނެއެވެ. އަދި އެކަމާއި ހިތާމަކޮށް ލޮލުން ކަރުނަ އޮހޮރޭނެއެވެ. އެކަމަކުން ތައުބާނުވެ އެންމެ ހިނދުކޮޅަކުވެސް މަޑެއް ނުކުރާނެއެވެ.

އަދި ތިމާގެ ފާފަ ފުއްސަވައިފިކަމާއިމެދު ހިތުގައި ކަންބޮޑުވުން އުފެދުމަކީ ވެސް ހެޔޮފާލެކެވެ. އެއިގެ މާނައަކީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން އުފެދި ނަރަކައަށް ބިރުވެތިކަން އުފެދެން ފަށައިފިކަމެވެ. ސުވަރުގެ ދިއުމަށް ބޭނުންވާން ފަށައިފިކަމެވެ.

ވީމާ ތިމާގެފެ ފާފަތައް ފުއްސަވައިފިކަމާއިމެދު ކަންބޮޑުވާނަމަ ތައުބާވުންމަތީގައި ދެމިހުންނާށެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން