ސިވިލް ކޯޓުގެ އިސް ގާޒީ ޢަބްދުالله ޢަލީއަށް ފިޔަވަޅު އެޅުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
އަދުލު އިންސާފް ގާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތެއްގެ މަތިން އަމަލުކުރިކަން ސާބިތުވުމާއި ގުޅިގެން ޢަބްދުالله ޢަލީ އަށް ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
ޖޭއެސްސީން މިއަދު ބުނީ, ސިވިލް ކޯޓުގެ ގަޟިއްޔާއިން ބަލާ މައްސަލައަށް ހާޒިރުވުމަށް އަމުރު ލިބުނުއިރު، މެޖިސްޓްރޭޓް ކޯޓަކުން ބަލާ މައްސަލައާ ގުޅިގެން ހަމަ އެ ފަރާތަށް، އެ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބިފައިވާތީ، ފަހުގެ ތާރީޚަކަށް ސިވިލްކޯޓުގެ މައްސަލަ ހަމަޖައްސައިދިނުން އެދި ސިވިލް ކޯޓަށް ހުށަހަޅާފައި ވަނިކޮށް، ސިވިލް ކޯޓުގެ ގަޟިއްޔާ ބާތިލުކުރުމުގައި އިސް ގާޒީ ޢަބްދުﷲ ޢަލީ އަމަލުކޮށްފައި ވަނީ ޢަދުލު އިންސާފް ގާއިމްކުރާ ދާއިރާގެ ހައިބަތާއި އިތުބާރު ގެއްލޭފަދަ ގޮތަކަށް ކަމަށެވެ. އަދި ފނޑިޔާރުގެ ވާޖިބު އަދާކުރުމުގައި ތަޢައްޞުބެއް އޮތްކަން ފެންނަން އޮތުމުގެ އިތުރުން، ފަނޑިޔާރުގެ އަދުލުވެރި ކަމާމެދު ސުވާލު އުފެދިދާ ގޮތަށް، އިސް ގާޒީ ޢަބްދުﷲ ޢަލީ އަމަލުކޮށްފައިވާކަން އޭނާގެ ބަހުންނާއި ލިޔެކިޔުންތަކުން ތަހުގީގަށް ސާބިތުވާ ކަމަށެވެ.
އިސް ގާޒީ ޢަބްދުﷲ ޢަލީގެ މި އަމަލަކީ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކޮށްފައިވާ އަމަލެއްކަން ފާހަގަކޮށް ޖޭއެސްސީ އިން ވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސް ގާޒީ ޢަބްދުﷲ ޢަލީއަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައެވެ.