English Edition
Dhivehi Edition

އެސްޓީއޯ އެލައިޑް ބިލްޑިންގގެ ގްރައުންޑް ފްލޯ ގައި ހުޅުވުމަށް ހަމަޖެހިފައިވާ އެސް.އެމް.އީ ހަބްގައި ގަސް ވިއްކުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް އިން ކުރި އިއުލާނެއްގައި ވަނީ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން މިއަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމާފައިވާ “އެސްއެމްއީ ހަބް”ގައި ގަސް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ. ބީސީސީއިން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރައްވާ ބޭފުޅުންނަށް މާކެޓް އެކްސެސް ހޯދައިދީ، އިތުރު ހަރުފަތަކަށް ގެންދިއުމަށް އެހީތެރިވެދިނުންކަމަށް ބިޒްނަސް ސެންޓަރުން ވަނީ ބުނެފައެވެ.

ގަސް ވިއްކުމުގެ ޚިދުމަތް ދިނުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީކޮށްގެން ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަދި ސޯލްޕްރޮޕްރައިޓަރ ފަދަ ވިޔަފާރިކުރާ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތަކަށެވެ. ބީލަން ހުށަހަޅާ ފަރާތަކީ ކުދި އަދި މެދުފަންތީގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތަކަށް ވާން ޖެހޭނެއެވެ.

މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރިލް މަހުގެ 27 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވަނީ އެދިފައެވެ. އަދި މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 11 މެއި 2022 ވަނަ ދުވަހު ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ.

މި ތަނުގައި ގަސްވިއްކާ ސަރަހައްދުގެ އިތުރުން ފޮތް ފިހާރައަކާއި، ކެފެޓީރިއާއެއްގެ އިތުރުން ކާބޯތަކެތި، އަންނައުނު، ކޮސްމެޓިކްސް އަދި ކުޅޭ އެއްޗެހި ވިއްކާ ކިއޮސްތަކާއި، ހެއަރ އެންޑް މޭކަޕް ސެލޫނަކާއި ނެއިލް ސްޓޭޝަނެއްވެސް ހުންނާނެއެވެ.މީގެ އިތުރުން މިނީ ސިނަމާއަކާއި ގޭމިންގ އޭރިއާއެއްވެސް އެސް.އެމް.އީ ހަބްގައި ހުންނާނެއެވެ. މިފަދައިން އެކި ދާއިރާތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ބީ.ސީ.ސީގެ ފަރާތުން މި ހުޅުވާލެވެނީ ވީހާވެސް ގިނަ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެހީތެރިވުމަށްޓަކައެވެ.