English Edition
Dhivehi Edition

ސްވައިންފުލޫ ކަމަށް ބެލެވޭ ރޯގާއެއް ތ. ހިރިލަންދޫގައި ފެތުރެމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އެ ރޯގާ ފެތުރެންފެށިފަހުން މިހާރު ގާތްގަނޑަކަށް ފަސްދުވަސްވަނީ ވެފައެވެ. އެރަށު ސިއްހީ މަރުކަޒުގައި ހުންނަވާ ޑޮކްޓަރަށްވެސް އެ ރޯގާމިހާރުވަނީ ޖެހިފައެވެ. އެހެންވެ އެރަށަށް އިތުރު ޑޮކްޓަރެއް މިހާރުވަނީ ފޮނުވާފައެވެ. 1200 މީހުންގެ އާބާދީއެއް ހިމެނޭ އެރަށުގައި ރޯގާ ފެތުރެން ފެށުމުން ސްކޫލްތަކާއި އޮފީސްތަކަށް ގިނަ މީހުން ނުދާކަމަށް ހިރިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލާލްވަނީ ވިދާޅުވެފައެވެ. އެރަށުގައި ފެތުރެނީ ސްވައިންފުލޫ ކަމަށް އެރަށަށްދިޔަ އަތޮޅު ހޮސްޕިޓަލުގެ ޓީމުންވެސް ލަފާކޮށްފައިވާކަމަށް ޖަލާލްވަނީ ވިދާޅުވެފައެވެ. މިހާތަނަށް އެރަށުގެ ހަ މީހެއްގެ ސާމްޕަލް ނަގައި މާލެ ފޮނުވައިގެންވަނީ ޓެސްޓް ހަދައިފައެވެ. އޭގެތެރެއިން ފަސް ސާމްޕަލެއްވަނީ އިންފުލުއެންޒާ އޭއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޖަލާލް ވިދާޅުވެފައިވެއެވެ. ދުވާލެއްގެ މައްޗަށް އެވްރެޖުކޮށް 30 މީހުން ރޯގާއަށް ފަރުވާ ހޯދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނެވެ. މިކަމާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީން އަދި ވަކިއެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މިދުވަރަކީ އަރިދަފުސް ރޯގާއި، ވައިރަލް ހުމާއި،އިންފުލުއެންޒާ ފެތުރުން އެކަށީގެންވާ ދުވަސްވަރެކެވެ. އެހެންކަމުން އިންފްލުއެންޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކުރައްވައިފައެވެ.