English Edition
Dhivehi Edition

ދިވެހި ސިފައިންގެ ޚިދުމަތަށް 130 އަހަރު ފުރުމުގެ މުނާސަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު 6 ޖެހިއިރު ކަޅުތުއްކަލާކޮށިގައެވެ.

ކީރިތި ޤުރުއާނުގެ ބަރަކާތުން ފެށިގެންދިޔަ މި ރަސްމިއްޔާތުގައި ދިދަ ޕޯސްޓަށް ދިވެހިރާއްޖޭގެ ޤައުމީ ދިދައާއި ސިފައިންގެ ދިދަ، ދިދަ ބިސީން ނަގައިދިން އިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ.

ކުރިއަށް އޮތް އަހަރު ސިފައިން ބޭނުންކުރުމަށް ހަމަޖެހިފައިވާ ޝިޢާރު “ޤައުމުގެ އަމާންކަން – ސިފައިންގެ އަމާޒު” އިޢުލާންކޮށްދެއްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލެވެ.

މި ރަސްމިއްޔާތު ނިމިގެން ދިޔައީ ޚާއްޞަ ދުޢާ އަކުންނެވެ.

މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންނާއި އެހެނިހެން ރޭންކުތަކެއްގެ ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

130 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގާއިމުކުރެވިފައިވާ އޭރިއާ ކޮމާންޑްތަކުގައި ވެސް ދިދަ ނެގުންވަނީ ކުރިޔަށް ގެންގޮސްފައެވެ. ސިފައިންގެ ޚިދުމަތް ދިވެހިރާއްޖޭގައި ފަށާފައިވަނީ މީލާދީން 1892 ވަނަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގައެވެ.