English Edition
Dhivehi Edition

މާލޭގެ ގެތަކުގެ ބޭރު ފާރުގައި ދަމާފައި ‘އިންޑިއާ އައުޓް’ ބެނާތަކުގެ ސަބަބުން އިންޑިއާގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މި ގޮތަށް ވިދާޅުވެފައިވަނީ، އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލައި ކުރިއަށް ގެންދާ “އިންޑިއާ އައުޓް” ކެމްޕޭންގެ ބޮޑު ބެނާއެއް، ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅުގައި ހަރުކުރުމާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ފުލުހުން އެ ބެނާތައް ނަގަންޖެހޭކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

މި ގޮތުން މިރޭ ފުލުހުން ނެރުނު އެންގުމެއްގައި ބުނީ ބެނާ ތަކުގައި އާއްމުކޮށް ފެންނާނޭހެން “އިންޑިއާ އައުޓް” ލިޔެފައިވާ ބެނާ ދަމާފައި ހުރުމަކީ ވަކި ޤައުމަކަށް ނިސްބަތްކޮށް ހިންގޭ އެ ޤައުމުގެ ޤަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ ޢަމަލެއްގެ ގޮތުގައި ސިފަވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ރާއްޖެއާއި ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް ނުރަގަޅު އަސަރުކޮށްފާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އިތުރަށް ފުލުހުން ވިދާޅުވީ އޭގެ ސަބަބުން އެޤައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށްވެސް ގެއްލުންވެދާނެކަމަށެވެ.

މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިންގާ ކަންކަމުގެ ސަބަބުން ރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުންވާނެ ފިތުނަވެރި އަމަލުތަކެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެއީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާ (ހ)ގެ ހަ ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަޤްސަދެއް ހާސިލް ނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ ފަދަ އަމަލެއްކަމުގައި ބެލެވޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (ރ)، (ބ) އަދި (ށ) ގެ ދަށުން އާއްމު މަސްލަހަތު ރައްކާތެރިކުރުމާއި، އާއްމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހްސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމްކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލާ ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން ހ.ހުރަފަ ގޭގެ ބޭރުގައި ހަރުކޮށްފައިވާ އިންޑިޔާ އައުޓް ޖަހާފައިވާ ބެނާރ ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.