English Edition
Dhivehi Edition

ގދ. ވާދޫގައި ފެނުގެނިޒާމު ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ސަރުކާރުން ޤާއިމް ކުރައްވާ މި ނިޒާމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ އެކަމަށްޓަކައި އިއްޔެ އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ރަސްމީކޮށް މަސައްކަތް ފައްޓަވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާދޫ ކައުންސިލް މެމްބަރުންނާއި ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން، ކުރިއަށް އޮތް 04 މަސްތެރޭ، ހޮޅި ވަޅުލައި، ސާފުކޮށް، ޕްރެޝަރ ޓެސްޓް ކޮށް، ގޭގެއަށް ކަނެކްޝަން ދިނުމުގެ އެނމެހައި މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.

އެ ކުންފުނިން ބުނީ މިއީ އެމް.ޑަބްލިއު.އެސް.ސީ އާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވީ ފެނުގެނިޒާމް ޤާއިމްކޮށް ނިމުމާއެކު، އެރަށުގައި ގޭގޭގައި ޑިސްޕެންސަރ ބަހައްޓައިގެން ބޭނުންކުރެވޭގޮތަށް 18 ލިޓަރ ފުޅީގައި ފެން ބަންދުކޮށް ފޯރުކޮށްދޭން ފެނަކައިން ފަށާނެ ކަމަށެވެ.