English Edition
Dhivehi Edition

އުފާވެރި ހަޔާތެއް ހޭދަކުރެވޭނީ ހަޔާތުގެ މަދު މިންވަރާމެދުވެސް ފުދުންތެރިވެ ޝުކުރުވެރިވާނަމަ ކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް ބާއްވާ “އިޙްޔާ ފޯރަމް” ގައި ވާހަކަ ދައްކަވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ އިންސާނުން ކުރާ ދެ ވައްތަރެއްގެ ކަންކަން ވާކަމަށާއި އެއީ އަޅުކަމާއި އާދަކާދަކަން ފާހަގަކުރައްވާ، އެތަނުން ގިނައީ އަޅުކަމުގައި ހޭދަކުރާ ވަރަށްވުރެ އާދަކާދަތަކަށް ވަގުތު ހޭދަކުރާ މީހުންކަމަށެވެ.

އެހެންނަމަވެސް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ކޮންމެ ކަމެއް ވެސް ހެޔޮ ނިޔަތަކާއިއެކު އަޅުކަމަކަށްވާފަދައިން އެކަމެއް ކޮށްފިނަމަ އެއީ އަޅުކަމެއްކަމުގައި ހިމެނިދާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”ހަށިގަނޑާއި ފުރާނައަކީ އަމިއްލަ މިލްކެއް ނޫން” މި މައުޟޫޢުއަށް ވާހަކަ ދައްކަވަމުން ޑރ. ޒަކަރިއްޔާ ވިދާޅުވީ މާތްﷲ އިންސާނާ ދުނިޔެއަށް ފޮނުއްވާފައިވަނީ ޙަވާލުކުރެވިފައިވާ ގިނަކަންތައްތަކަކާއެކުގައި ކަމަށެވެ. އެގޮތުން އަޞްރު ސޫރަތަށް ބައްލަވާލައްވަމުން ވިދާޅުވީ ޒަމާނަކީ އަޅުގަނޑުމެންގެ ޢުމުރުކަމަށެވެ.

ޑރ. ޒަކަރިއްޔާ ވަނީ މިހާރު ދުނިޔޭގައި މަޝްހޫރުވަމުން އަންނަ ކަމެއްކަމަށްވާ އިންސާނުންގެ ސިފަ އެކި ގޮތްގޮތަށް ބަދަލުކުރުމާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. ޖިސްމާނީ ރީތިކަމަށް ދުނިޔޭގައި ހޭދަކުރާ މިންވަރުގެ މައްޗަށް ތަފާސްހިސާބުތަކުގެ އަލީގައި ބައްލަވާލައްވަމުން އެކަމަށް އެތައް ބިލިޔަން ޑޮލަރެއް ދުނިޔޭގައި ހޭދަކުރާކަމަށް ވިދާޅުވިއެވެ.

މާތްﷲ އިންސާނާ ޚަލްޤުކުރައްވާފައިވަނީ އެންމެ ރީތި ސޫރައިގައި ކަމަށް ވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އިންސާނާގެ ނަފްސާއި ރޫޙަކީ ކޮބައިކަންކަމާއި ޖިސްމާއި ފުރާނަ ޙިމާޔާތްކުރުން ވާޖިބުވެގެންވާކަން ބަޔާންކުރައްވަމުން ޖިސްމާއި ނަފްސަކީ އަމާނާތެއް ކަމަށާއި ޖިސްމަށް އަނިޔާ ދެނީ ކީއްވެކަމާމެދުގައި ވެސް ވަނީ ވާހަކަ ދައްކަވާފައެވެ.