English Edition
Dhivehi Edition
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

1443ވަނަ އަހަރުގެ ރަމަޟާންމަހުގެ ފުރަތަމަ 11 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން 878،646.00 (އަށްލައްކަ ހަތްދިހަ އަށްހާސް ހަސަތޭކަ ސާޅީސް ހައެއް ) ރުފިޔާ މިނިސްޓްރީއަށް ލިބިއްޖެއެވެ.

ޖުމްލަ 19523 (ނަވާރަ ހާސް ފައްސަތޭކަ ތޭވީސް) މީހުން ޒަކާތް ދައްކާފައިވާއިރު މިނިސްޓްރީގައި ބަހައްޓާފައިވާ ކައުންޓަރުތަކަށް ޒަކާތް ދައްކާފައިވަނީ 4956 (ހަތަރުހާސް ނުވަސަތޭކަ ފަންސާސް ހައެއް) މީހުންނެވެ. އޮންލައިންކޮށް ޒަކާތް ދެއްކީ 14567 (ސާދަ ހާސް ފައްސަތޭކަ ފަސްދޮޅަސް ހަތެއް) މީހުންނެވެ.

ފާއިތުވި ރަމަޟާންމަހު، ( 1442 ވަނަ އަހަރު) މި މުއްދަތުގައި ޒަކާތުގެ ގޮތުގައި 899،031.00 ( އަށްލައްކަ ނުވަދިހަ ނުވަހާސް ތިރީސް އެއް ރުފިޔާ) ލިބިފައިވާއިރު 1441 ވަނަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1،942،201.00 (އެއްމިލިޔަން ނުވަސަތޭކަ ސާޅީސް ދެހާސް ދުއިސައްތަ އެކެއް) ރުފިޔާއެވެ.

މިދިޔަ 1442 ވަނަ އަހަރުގެ މި މުއްދަތުގައި ޖުމްލަ 20،863 (ވިހިހާސް އަށްސަތޭކަ ފަސްދޮޅަސް ތިނެއް) މީހުން ޒަކާތް ދައްކާފައިވާއިރު, މީގެ ތެރެއިން 17،858 (ސަތާރަހާސް އަށްސަތޭކަ ފަންސާސް އަށެއް) މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިންކޮށެވެ. މި މުއްދަތުގައި 3005 މީހުން ޒަކާތްދައްކާފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގައި ބަހައްޓާފައިވާ ކައުންޓަރުތަކަށެވެ.

ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ހޯލުންވެސް ކުރިއަށްގެންދާއިރު މި އިންތިޒާމު ހަމަޖެހިފައިވަނީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކަށާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށެވެ.

މިނިސްޓްރީން ޒަކާތްބަލައިގަންނަމުންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 10 ން މެންދުރު 1 ޖެހުމާއި ހަމައަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް ( 29 އެޕްރީލް ) އާއިހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތް ދެއްކޭނީ މިނިސްޓްރީގެ ކައުންޓަރުތަކުންނާއި ބަނޑޭރި ޕޯޓަލް މެދުވެރިކޮންނެވެ.

މިނިސްޓްރީގެ ކައުންޓަރުތަކުން ޒަކާތްބަލައިގަތުން ރަމަޟާންމަހުގެ އެންމެފަހު ދުވަހުގެ އިރުއޮއްސި 6 ޖެހުމާއި ހަމައަށް ކުރިއަށް ދާނެއެވެ.

ފިޠުރު ޒަކާތް ބަހާނީ ރަމަޟާންމަހުގެ 29 ވަނަ ދުވަހުން ފެށިގެންނެވެ. ފިޠުރު ޒަކާތް ދޭނީ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަށެވެ. މިއަހަރުގެ ފަޤީރުންގެ ލިސްޓުގައި ހިމެނެނީ 8984 (އަށްހާސް ނުވަސަތޭކަ އަށްޑިހަ ހަތަރެއް) މީހުންނެވެ. ފަޤީރުންގެ ދަފްތަރު އަޕްޑޭޓްކޮށްފައިވަނީ މިހިނގާ ރަމަޟާންމަސް ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިންނެވެ. މިދިޔަ އަހަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނީ 7778 (ހަތްހާސް ހަތްސަތޭކަ ހަތްދިހަ އަށެއް) މީހުންނެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ވެބްސައިޓު ގެ (ޒަކާތް ދެއްކުން) ކެޓަގަރީ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކުމަށް ޕޯޓަލްތަކަށް ވަދެވަޑައިގެންނެވޭނެއެވެ.

ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެކެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ފިޠުރު ޒަކާތް ދެއްކުމަށް މިނިސްޓްރީން ހަނދުމަފުޅުކޮށްއަރުވަމެވެ.