‘އޭއޯ ރޯދައިގެބަދިގެ’ މި ސެގްމެންޓްގައި މިއަދު ގެނެސްދޭ ދެވަނަ ރެސިޕީއަކީ، ރޯދަވީއްލުމަށް ފަހު ކާން ވަރަށް މީރު އެއްޗެއް ތައްޔާރު ކުރާނެގޮތެވެ. އެގޮތުން މިއަދު ގެނެސްދޭ “ޗިކެން ފަހީޓާސް” ގެ ރެސިޕީ ތިއެންމެހާ ބޭފުޅުންނަށް ވަރަށް ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.
ބޭނުންވާތަކެތި: (6 މީހުންނަށް)
2 ގަނޑު ޗިކެން ބްރެސްޓް (ހަނި ދިގަށް ކޮށާފައި)
1 ބޮޑު ފިޔާ ކޮށާފައި
1 ރަތް ބެލްޕެޕާ ކޮށާފައި
އަސޭމިރުސް އަދި ލޮނު
މެރިނޭޑް ތައްޔާރުކުރުމަށް:
1 މޭޒުމަތީ ސަމުސާ ޕެޕްރިކާ ޕައުޑަރ
1 މޭޒުމަތީ ސަމުސާ ކޮރިއެންޑާ (ޕައުޑަރ)
1 މޭޒުމަތީ ސަމުސާ ދިރި
2 ލޮނުމެދު ގާނާފައި
4 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
1 ލުނބޯ (ޖޫސް)
ނޯޓް: މެރިނޭޑް އަމިއްލައަށް ތައްޔާރު ކުރުމުގެ ބަދަލުގައި “ފަހީޓާސް” ސްޕްރެޑް ވެސް ބޭނުން ކުރެވިދާނެއެވެ.
6 ބޮޑު ޓޯޓިލާ (ރޮށި)
ތައްޔާރުކުރާނެގޮތް:
އަވަން 180 ޑިގްރީއަށް ޕްރިހީޓަށް ޖައްސާލާށެވެ.
އެންމެ ފުރަތަމަ މެރިނޭޑް ތައްޔާރު ކުރުމަށް މަތީގައި ލިޔެފައިވާ ހުރިހާ އެއްޗެއް ތައްޓަކަށް އެޅުމަށްފަހު މިކްސް ކޮށްލާށެވެ.
ދެން ތަވާ އުނދުން މައްޗަށް އުދާފައި ތެޔޮ ކޮޅެއް އެޅުމަށްފަހު ކުކުޅު ކޮޅު ރޯފިލުވާށެވެ. ރޯފިލަމުން ދާއިރު މީގެ ތެރެއަށް އަސޭމިރު އަދި ލޮނުކޮޅެއް ލާފައި ބެލްޕެޕާ ވެސް އެއްކޮށްފައި ރަނގަޅަށް ކުކުޅު ކޮޅު ރޯފިލުވާލާށެވެ. ދެން ތައްޔާރު ކުރި މެރިނޭޑް ވެސް ކުކުޅު ކޮޅާ އެއްކޮށްފައި ކުޑައިރުކޮޅަކަށް ކައްކާލާށެވެ. ޓޯޓިލާ ގައި ބޭނުން ވައްތަރެއްގެ ސަލަޑް މިކްސް އެއް ނުވަތަ ސޯސް އެއް ހާކާލުމަށްފަހު ތައްޔާރު ކުރި ކުކުޅު ތައް އަތުރާލާފައި ބޭނުން ނަމަ މޮޒޮރެއްލާ ޗީޒް ނޫނީ ސެލެޑް އެއް އެޅުމަށްފަހު ޓޯޓިލާ އޮޅާލާފައި 5 މިނެޓް ވަންދަން 180ޑިގްރީގައި އަވަނުން ހޫނުކޮށްލާފައި ސާރވް ކުރާށެވެ.