English Edition
Dhivehi Edition

ރޯދަ ވީއްލުން އަވަސްކުރުމަކީ ރޯދައިގެ މުސްތަޙައްބު އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރޯދައިގެ މުސްތަޙައްބު އަދަބުތަކުގެ ތެރޭގައި، އިރު އޮއްސޭތަން ފެނިގެން ނުވަތަ އިތުބާރުހުރި އަމާނާތްތެރިއަކު ޚަބަރުދީގެން – އެއީ ބަންގީގެ ގޮތުން ކަމުގައިވިއަސް އަދި އެނޫން ގޮތަކުން ކަމުގައި ވިއަސް – އިރު އޮއްސިއްޖެކަމަށް އޭނާއަށް ބުރަވެވުމުން، ރޯދަ ވީއްލުން އަވަސް ކުރުން ހިމެނެއެވެ.

ސަހްލު ބުން ސަޢުދު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الْفِطْرَ)) މާނައީ: “ރޯދަވީއްލުން އަވަސްކުރާހާ ހިނދަކު މީސްތަކުން ހެއުކަމުން ފިލައި ނުދާހުއްޓެވެ.”

އަދިވެސް އެކަލޭގެފާނު، އެކަލޭގެފާނުގެ ވެރި ރައްބު އައްޒަވަޖައްލަ ވަޙީކުރެއްވިކަމަށް ޙަދީޘް ކުރެއްވިއެވެ. ((إِنَّ أَحَبَّ عِبَادِى إِلَىَّ أَعْجَلُهُمْ فِطْرًا)) މާނައީ: “ހަމަކަށަވަރުން ތިމަންއިލާހުގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަޅުންނަކީ އެބައިމީހުންގެ ތެރެއިން ރޯދަވީއްލުން އަވަސް ކުރާ މީހުންނެވެ.”

އަދި ސުންނަތް ވެގެން ވަނީ ރުޠަބުން ރޯދަ ވީއްލުމެވެ. ރުޠަބު ނެތްނަމަ ތަމްރެވެ. ފަހެ ތަމްރުވެސް ނެތްނަމަ ފެނުންނެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ ބަސްފުޅުގައި އައިސްފައިވާ ފަދައިންނެވެ. ((كَانَ النَّبِىُّ -صلى الله عليه وسلم- يُفْطِرُ قَبْلَ أَنْ يُصَلِّىَ عَلَى رُطَبَاتٍ، فَإِنْ لَمْ تَكُنْ رُطَبَاتٌ فَتُمَيْرَاتٍ، فَإِنْ لَمْ تَكُنْ تُمَيْرَاتٌ حَسَا حَسَوَاتٍ مِنْ مَاءٍ)) މާނައީ: “ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުގެ ކުރިން ރޯދަ ވީއްލަވައެވެ. ފަރީއްކުޅުވަނީ ރުޠަބެވެ. ރުޠަބު ނެތިއްޖެނަމަ ކަދުރުކޮޅެކެވެ. ކަދުރުކޮޅެއް ނެތިއްޔާ ފެންފޮދެއް ހިއްޕަވައެވެ.”

ފަހެ ރުޠަބާއި ތަމްރާއި އަދި ފެނުން ރޯދަވީއްލުމުގެ ކުޅަކާނަކަން ނުލިބެއްޖެނަމަ ކައި ބޮއި ހަދާ ޙަލާލު ތަކެތީގެ ތެރެއިން ފަސޭހަ އެއްޗަކުން ރޯދަ ވީއްލާށެވެ. ދެންފަހެ އެއްވެސް އެއްޗެއް ރޯދަވިއްލަން ނުލިބިއްޖެނަމަ ހިތުން ރޯދަ ވީއްލާށެވެ. ބައެއް އާންމު މީހުން ކަންކުރާ ފަދައިން އިނގިލި ބޮއި ކުޅުއެއްކޮށް ކުޅުބޮއި ނަހަދާށެވެ.

ރޯދަ ވީއްލާހިނދު ހިތްއެދޭ ކަމަކަށް އެދި ﷲގެ ޙަޟުރަތުގައި ދުޢާ ކުރުން އެދެވިގެން ވެއެވެ. ސުނަނު އިބުނު މާޖާގައި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާ ކުރައްވާފައިވާ ޙާދީޘެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ((إِنَّ لِلصَّائِمِ عِنْدَ فِطْرِهِ لَدَعْوَةً مَا تُرَدُّ)) މާނައީ: “ހަމަކަށަވަރުން ރޯދަވެރިޔާއަށް އޭނާ ރޯދަވީއްލާހިނދު ރައްދު ކުރެވިގެންނުވާ ދުޢާއެއް ލިބިގެންވެއެވެ.” (އެބަހީ ރޯދަވެރިޔާ އެގަޑީގައި ކުރާ ދުޢާ އިޖާބަވެވިގެން ވެއެވެ.)

އަބޫ ދާވޫދު މުޢާޛު ބުން ޒަހްރާގެ އަރިހުން މަރުފޫޢުކޮށް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ވީއްލާހިނދު ވިދާޅުވެއެވެ. ((اللَّهُمَّ لَكَ صُمْتُ وَعَلَى رِزْقِكَ أَفْطَرْتُ)) މާނައީ: “އޭ ﷲއެވެ! މިއަޅާ އިބައިލާހުގެ ކިބަފުޅަށް ރޯދަހިފީމުއެވެ. އަދި އިބައިލާހު ދެއްވި ރިޒުގުން ރޯދާ ވީއްލާފީމެވެ.” އަދިވެސް އަބޫ ދާވޫދުގައި އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ވީއްލާ ހިނދުގައި މިފަދައިން ވިދާޅުވެއެވެ. ((ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الأَجْرُ إِنْ شَاءَ اللَّهُ)) މާނައީ: “ކަރުހިއްކުން ފިލައްޖެއެވެ. އަދި ނާރުތައް ތެމިއްޖެއެވެ. އަދި މާތްﷲ ގެ އިރާދަފުޅުން އަޖުރު ޘާބިތުވެއްޖެއެވެ.”

 

މަޢުލޫމާތު : ދިސަލަފިއްޔާ