English Edition
Dhivehi Edition

ރޯދައަކީ އިންސާނާގެ ކިބައިގައި ރިވެތި އަޚްލާޤުގެ ވަރަށް ގިނަ ސިފަތަކެއްވެސް އަށަގަންނުވާ އަޅުކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކޮންމެ ރަމަޟާންމަހެއްގައި ބާއްވާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން ރޭ ބޭއްވި ފޯރަމްގައި “ރޯދައިން ލިބޭ އަޚްލާޤާއި ސުލޫކުގެ ފިލާވަޅުތައް” މި މަޢުޟޫއަށް ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ރޯދައިން އިންސާނާގެ ކިބައިގައި އަށަގަންނުވާ އެއްސިފައަކީ އިޚްލާސްތެރިކަމުގެ ސިފަކަމަށާއި އަޅުކަމުގެ އެންމެ މުހިންމު އެއްކަމަކީ އިޚްލާސްތެރިކަންކަމަށެވެ. އެހެންކަމުން ރަމަޟާންމަހަށްފަހުވެސް މި އިޚްލާސްތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ރޯދައަކީ އިރާދައާއި ޢަޒުމްވަރުގަދަކުރުވާ އަޅުކަމެއް. ފަޖުރުއްޞާދިޤުގެ އަލިކަން ފާޅުވީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން ނަފްސު އެންމެހައި އެދުންތަކާއި މާތް ރަސްކަލާންގެ ޙަލާލު ކުރައްވާފައިވާ ކަންތައްތަކުން ވެސް ދުރުވެގެން ހުންނަނީ ވަކި މުއްދަތަކަށް މާތް ރަސްކަލާންގެ ނަހީކުރައްވާފައިވާތީ. އެހެންކަމުން ރޯދައިގެ ފަހުން މާތް ރަސްކަލާންގެ ޙަރާމްކުރެއްވި ކަންތައްތަކުން ވެސް ދުރުހެލިވުމަށް މި ރޯދަމަހު ލިބުނު ތަރުބިއްޔަތު އެހީތެރިއަކަށް ވާނެ.” މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވަނީ މިއީ ކެތްތެރިކަމުގެ މައްސަރުކަން ބަޔާންކުރައްވަމުން ދިމާވާ އެކިއެކި ކަންކަމުގައި ވެސް ކެތްތެރިވުމަށް ނަސޭޙަތްތެރިވެ ވަޑައިގެންފައެވެ.

ރޯދައަށް ހުންނައިރު މުސްލިމުންގެ ސުލޫކީ އަދި އަޚްލާޤީ މިންގަނޑުގައި ދެމިހުންނަން ޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ތެދުބަހުން ވާހަކަދެއްކުމަށާއި އޮޅުވާލާ ދޮގުހެދުމާއި ރުޅިގަދަވެ، ހަޅޭއްލަވާ ޒުވާބުކޮށްހެދުމަކީ ރޯދައިން ލިބޭ ދަރުމަ އުނިވާނެކަމެއްކަމަށް ދަލީލުދައްކަވަމުން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.