English Edition
Dhivehi Edition

ސަޢޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު، މި މަހުގެ 26 ގައި ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ 26 މާރިޗުން ފެށިގެން އޭޕްރިލް 6 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަދުރު ބަހާނެ ކަމަށެވެ.

އެގޮތުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގައި ކަދުރުބެހުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ބުންޏެވެ. އަދި ކަދުރު ބަލާ ދާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް ވަނީ އެދިފަ އެވެ.

ސިޓީތަކާއި އަތޮޅުތަކުގެ ރަށްރަށުގައި ކަދުރު ބަހާނީ، 1443 (2022) ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އިޢުލާންކޮށްފައިވާ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ކޮންމެ ގޭބިސީއަކަށް 1 ޕަކެޓް ދިނުމަށްފަހު، މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކަމަށް އެ މިނިސްޓްރީން ބުންޏވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ބަހާއިރު، ސަޢޫދީ ޢަރަބިއްޔާއިން މިއަހަރު ލިބުނު ކަދުރު ފަޤީރުންގެ ގޭބިސީތަކަށް ބެހުމަށްފަހު، ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 26 ޕަކެޓް ކަދުރު ކަމަށެވެ.

މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނިސްޓްރީ މެދުވެރިކޮށް ކަދުރު ބަހާއިރު، އަތޮޅުތެރޭގެ ރަށްރަށަށް ކަދުރުބަހާނީ ރަށު ކައުންސިލްތަކުން 2023ވަނަ އަހަރު މިނިސްޓްރީއަށް ފޮނުވި ގޭބިސީގެ ލިސްޓުތަކަށް ބެލުމަށްފަހު އެ ކައުންސިލްތަކުން ނެވެ.

ސަޢޫދީ ސަރުކާރުން ރާއްޖެއަށް މިއަހަރު ހަދިޔާ ކުރައްވާފައިވަނީ 50 ޓަނުގެ ކަދުރެވެ.