English Edition
Dhivehi Edition
ފޮޓޯ: ޚަބަރުއޮންލައިން

ގދ. ރަތަފަންދޫ ގިރާ މައްސަލައަކީ ޒަމާންވީ ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް އިޖާބަދިނީ މި ސަރުކާރުން ކަމަށް ކުރީގެ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރަން ހުރިހާ ސަރުކާރަކުން ވީއިހުމާލު ކަމަށެވެ. އެކަމަކު އެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ހަމައެކަނި ދެއްވީ މިއަދުގެ ސަރުކާރުންކަމަށެވެ.

ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް ކަން ވެސް ކުރައްވާ ސައުދު ވަނީ ރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މިސަރުކާރުން ވީ ވަޢުދު ފުއްދުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ސަރުކާރުން ދެއްވި އިތުބާރަށް ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ރަތަފަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 2008 އިން 2018އަށް ވެރިކަންކުރި ރައީސުން ވީ ވަޢުދު ވަނީ ނުފުއްދި ރައްޔިތުން މަތިން ހަނދާން ނެތިފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަޢުދު ވިދާޅުވީ 2018ގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރަތަފަންދޫ ގިރާ ސަރަހައްދުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައި އެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފައިވާތީ މިއީ ހެޔޮވެރިކަންކަމަށް ސަޢުދު ވަނީ ވިދާޅުވެފައެވެ.

ރަތަފަންދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޑިޒައިން އާއި އީއައިއޭގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާ ހަވާލުކުރީ 2019 އަހަރުގެ ޑިސެމްބަރު މަހގެ ތެރޭގައެވެ. މިއެއްބަސްވުމުގެދަށުން އެރަށު ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންވާ ޑީޓެއިލް ޑިޒައިނާއި ތިމާވެއްޓަށް ގެއްލުންވާ މިންވަރުބަލާ އެސެސްމަންޓް ހެދުން ހިމެނެއެވެ.