English Edition
Dhivehi Edition

ސިޔާސަތު ކަނޑައެޅުމުގައި އަންހެނުން ބައިވެރިވުމަކީ ދެމެހެއްޓެނިވި ޙައްލުތަކެއް އަންނަ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ “ވީ ދަ ޕީޕަލް އެންޑް އަވަރ ޕްލެނެޓް: ހެލްތީ، ރެސިލިއެންޓް، ސަސްޓެއިނަބަލް” ގެ ނަމުގައި ބޭއްވެވި ހައި-ލެވެލް ޕެނަލް ޑިސްކަޝަންގައި ޗީފް ގެސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ސައުތް އީސްޓް އޭޝިޔާގެ ރީޖަނަލް އޮފީހުން އިންތިޒާމްކޮށްގެން މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާއްވާ ޕެނަކް ޑިސްކަޝަނެކެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިޔަ ސަރވޭއިން ހާމަވި އެންމެ މުހިންމު އެއްޗަކީ މިހާރުން މިހާރަށް ތިމާވެށި ރައްކާތެރިކުރުމަށް ފިޔަވަޅު އަޅައިފި ނަމަ ތިމާވެށްޓަށް ލިބެމުންދާ ގެއްލުން ވަރަށް ބޮޑުތަން ކުޑަކުރެވޭނެކަމަށް އެކުދިން ޤަބޫލުކުރާ ޤަބޫލުކުރުން ކަމަށް އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ތަޢުލީމު އުނގަންނައިދޭ ބޭފުޅެއްގެ ހައިޞިއްޔަތުން އެކަމަނާ ވަނީ ކުދިންގެ ޚިޔާލުތަކާއި ކަންބޮޑުވުންތަކާއި، އިޙްސާސްތައް އަޑުއެހުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވިދާޅުވީ އެ ސަރވޭއިން ހާމަވި އަނެއްކަމަކީ މީހުންގެ ދިރިއުޅުމުގެ ފެންވަރަށް ބިނާވެ، ތިމާވެށްޓާ ގުޅޭގޮތުން ކުދިންގެ މެދުގައިވާ ‘ނޮލެޖް ގެޕް’ ކަމަށާއި އެކަމަނާ ދެކިވަޑައިގަންނަވާގޮތުގައި މި ‘ނޮލެޖް ގެޕް’ ގުޅުވާލުމަށް ބޭނުން ކުރެވޭނެ އެންމެ ރަނގަޅު ފާލަމަކަށް ސްކޫލްތައް ހެދޭނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އިތުރަށް ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ވަނީ ހުރިހާ އުމުރުފުރަޔަކަށް ވެސް ތިމާވެށީގެ ކަންކަމުގައި ގުޅިގެން މަޝްވަރާކުރުމަށްފަހު އެދެވޭ ޙައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުމުގެ މުހިންމުކަން ހާމަކުރައްވާފައެވެ. އަދި ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށް އުޅުއްވި ދުވަސްވަރު ކުޑަކުދިންނާ ގުޅޭ ގިނަ ކަންކަން ދަސްވެވަޑައިގެންނެވި ކަމަށާއި އެ ފިލާވަޅުތަކުގެ އަލީގައި އެކަމަނާ ޤަބޫލުފުޅު ކުރައްވާގޮތުން ތިމާވެށީގެ ކަންކަމުގައި ކުޑަކުދިންގެ މަޢުލޫމާތު މުއްސަނދިކަމުގައި ވިދާޅުވެ އެކުދިންގެ ޚިޔާލާއި މަޝްވަރާ ތިމާވެށީގެ ކަންކަން ނިންމުމުގައި ހޯދޭނެކަމުގައި ވިދާޅުވެފައެވެ.

ރައިސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ ސާރވޭގައި ބުނާގޮތުން ތިމާވެށްޓާއި ގުޅިގެން ކުދިން ކަންބޮޑުވި ނަމަވެސް އެކުދިން ތިމާވެށި ރައްކާތެރިކުރުމަށް ޝައުޤުވެރިވެ އެކަމަށް މަސައްކަތް ކުރަން ބޭނުންވާ ކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިތުރުން މި ޕެނަލް ޑިސްކަޝަންގައި އެކި ޤައުމުތަކާއި ޖަމާޢަތްތައް ތަމްސީލުކުރައްވާ މަތީ ފަންތީގެ ބޭފުޅުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.