English Edition
Dhivehi Edition

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނީ ތިން ހަތަރު މަސް ފަހުން ކަމަށް ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ އެސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓްގައި ސޮއި ކުރެވުނީ ވެސް އެވޯޑުކުރެވުނުތާ ވަރަށް ދުވަސް ފަހުން ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ އައްޑޫގެ އެތެރެވަރިން ވެލި ނަގަން ހުރި ތަންތަނުގެ ސޭންޑް ސާރޗް ސާރވޭގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން މަސައްކަތުގެ ޢަމަލީބައި ލަސްވަމުންދަނީ އައްޑޫގެ ބިން ހިއްކުމާއި ގުޅޭގޮތުން ހެދި އީއައިއޭ އިން ފާހަގަކުރެވުނު ގިނަ ކަންތައްތަކުގެ ސަބަބުން ކަމަށް ވެސް ހައުސިންގ އެންޑް ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

ނެދާލޭންޑްސްގެ ކުންފުންޏެއް ކަމުގައިވާ ވެން އޫޑްއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 194.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އެ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވާއިރު، ބިން ހިއްކުމަށް މަޝްރޫޢުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ޚާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކާ، މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރު އަދި ޓޫރިޒަމަށް ޚާއްސަކޮށްގެން 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުމަށް ވަނީ ނިންމާފައެވެ.

އައްޑޫ ބިން ހިއްކުމުގެ މަސައްކަތް 18 މަސް ދުވަހުގެ ތެރޭގައި ނިންމަންޖެހޭއިރު، މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.