English Edition
Dhivehi Edition

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިއީ އެ މިނިސްޓްރީ އާއި ވަރލްޑް ބޭންކާއި ގުޅިގެން ހިންގަމުންދާ “ކޮވިޑް-19 އެމެޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓް” ގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

މި ޕްރޮޖްކެޓުގެ ދަށުން ވަޒީފާއަށް ބޭނުންވާ ތަމްރީން އަދި ކޯހާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވިޔަފާރި ކުރުމަށް ބޭނުންވާ ހުނަރާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން މައިގަނޑު 3 ޕްރޮގްރާމެއް ހިންގުމަށް ހަމަޖެހިފައިވެއެވެ. އެއީ؛

(1) ކަނޑައެޅިފައިވާ 3 ދާއިރާއަކުން ތަމްރީން ޕްރޮގްރާމްތައް ހިންގުން. މި ދާއިރާތަކަކީ؛

(ހ) އެކައުންޓިން ދާއިރާ

(ށ) އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ

(ނ) ޑައިވިންގ ދާއިރާ

(2) އެޕްރެންޓިސްޝިޕް ޕްރޮގްރާމް

(3) އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމް

މި ޕްރޮޖެކްޓުގެ ދަށުން ރާވާފައިވާ ޕްރޮގްރާމްތަކަށް އެދި ހުށަހެޅުމަށް އެޕްރީލް 2022 ގައި ހުޅުވާލެވޭނެއެވެ. އަދި، ވަކިވަކި ޕްރޮގްރާމްތަކަށް ފޯމު ހުށަހެޅުމަށް ކަނޑައަޅާ ސުންގަޑިތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރެވިގެންދާނެއެވެ.

މި ޕްރޮގުރާމުތަކުގައި ބައިވެރިވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ މިނިސްޓްރީގެ ޖޮބް ސެންޓަރ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ. މި ޕްރޮގްރާމްތަކުގެ ތަފްސީލް އަދި އެޕްލިކޭޝަން ހުށަހަޅާނެ ގޮތާއި މިނިސްޓްރީން އަމަލު ކުރާނެ އުސޫލުތައް ޖޮބް ސެންޓަރ ވެބްސައިޓުގައި ޝާއިޢު ކުރުމަށް ހަމަޖެހިފައިވެއެވެ.