English Edition
Dhivehi Edition

އައްޑޫގައި ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ކަމާ ގުޅޭ އިދާރާތަކާ ސުވާލުކުރުމަށް, މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއިން ނިންމައިފިއެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލައި ދިނުމަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ، މިމައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސް، ޖެންޑާ މިނިސްޓްރީ، އެޗްއާރްސީއެމް، އެޑިއުކޭޝަން މިނިސްޓްރީ އަދި އައްޑޫސިޓީ ކައުންސިލް ކޮމިޓީއަށް ހާޒިރުކޮށްގެން މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް ހުށަހެޅުއްވާފައެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީއިން ވަނީ އަންނަ ބުދަ ދުވަހު، މި މައްސަލައިގައި ކަމާ ގުޅޭ އިދާރާތަކާ ސުވާލުކުރުމަށް، ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާފައެވެ.

މިކަމުގެ ހައްސާސް ކަމުން ކަމާބެހޭ އިދާރާތައް މަޖިލީހަށް ވަޑައިގެން މަޢުލޫމާތު ދެއްވައި ރައްޔިތުންގެ ހުރި ކަންބޮޑުވުން ތަކަށް ވަގުތުން ޖަވާބު ލިބުމަކީ ވަރަށް މުހިއްމު ކަމެއްކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ އެއްވެސް ކުށެއް ނެތް މީހަކަށް އެންމެ ހިނދުކޮޅަކު ވެސް ނުހައްޤުން އަދަބެއް ލިބުމަކީ އެދޭ ކަމެއް ނޫން ކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ މިކަމުގެ ހަޤީގަތް ރަނގަޅަށް އޮޅުން ފިލުވުމަކީ މުހިއްމުކަމެއް ކަމަށާއި މި ވަގުތު އެއްބަޔަކު މިކަން ސިޔާސީކޮށް، މިނިސްޓަރު ފައްޔާޒުގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވަމުންދާކަމަށެވެ.އަދި މިއީ ވަރަށް ހިތާމަ ހުރި ކަމެއްކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވީ މި ފަދަ ހައްސާސް މައްސަލަތައް ސިޔާސީ ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ހައްޔަރުކޮށްފައިވާ އަންހެން މީހާއަކީ ދުވަސްވީ މީހަކަށްވާއިރު، އޭނާއާ ދެކޮޅަށް ހުރި ކިހާވަރެއްގެ ހެކިތަކެއްކަން ދެނެގަންނަން ބޭނުންވާކަމަށެވެ. އަދި މިކަހަލަ މައްސަލަތަކުގައި އެންމެ ބޮޑަށް ފޯކަސް ކުރަން ޖެހެނީ ކުއްޖާގެ ހައްގުތައް ރައްކާތެރި ކުރުމަށް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.