English Edition
Dhivehi Edition

މިދިޔަ ފެބްރުވަރީ މަހު ބީއެމްއެލް އިން ހުޅުވާލި ސްކޮލަރޝިޕް ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 21 ވަަނަ ދުވަހަށް ހަމަވާނެއެވެ.

މި ފަންޑަކީ ބޭންކިންގ އާއި މާލީ ދާއިރާއިން ހުނަރުވެރި ދިވެހި ޒުވާނުން ބިނާ ކުރުމުގެ އަމާޒުގައި ހުރިހާ ޚަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހުޅުވާލި ފަންޑެކެވެ.

މި ފަންޑުގެ ދަށުން ތިން ދަރިވަރަކަށް ސްކޮލަރޝިޕް ދިނުމަށް ބޭންކުންވަނީ ނިންމާފައެވެ.

މި ފަންޑުގެ ދަށުން ދަރިވަރުންނަށް ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް އަދި ފައިނޭންޝަލް ރިޕޯޓިން އެންޑް އެނަލިޓިކްސް ނުވަތަ ފައިނޭންޝަލް އިންޖިނިއަރިން ފަދަ އެކި ދާއިރާތަކުން އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެދި ހުށަހެޅޭނެއެވެ.

މިގޮތުން އުމުރުން 18 އަހާރާއި 25 އަހަރާ ދެމެދު ދިވެހިންގެ ތެރެއިން އޭ ލެވެލް އިމްތިހާނުގެ ހުރިހާ މާއްދާއަކުން ފާސްވެފައިވާ ފަރާތްތަކަށް މި ފަންޑަށް އެދި ހުށަހެޅެމުގެ ފުރުސަތު މިވަނީ ހުޅުވާލެވިފައެވެ. މި ފަންޑުގެ ދަށުން ޓިއުޝަން ފީ، މަހުން މަހަށް ހިނގާނެ ޚަރަދު، ވިސާ ފީ، ފޮތް ގަތުމުގެ ޚަރަދާއި އެސްޓަބްލިޝްމެންޓް އެލަވަންސްގެ އިތުރުން ޓިކެޓް ހަރަދު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޮލަރޝިޕަށް އެދި ހުށަހަޅާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއި ބޭނުންވާ އިތުރު ލިޔުންތަކާއެކު މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެވެ. ސްކޮލަރޝިޕް ފަންޑުގެ ޝަރުތުތަކާއި ދަރިވަރުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާ ބެހޭ މައުލޫމާތު https://www.bankofmaldives.com.mv/bml-scholarship-fund އިން ލިބޭނެއެެވެ.

ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ މިއަހަރުގެ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖެހިފައިވާ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާ ހުރި މުހިންމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.