English Edition
Dhivehi Edition

ޝައްކެތްނެތް ގޮތުގައި މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް އަދަދު ނުކުރެވޭހާ ގިނަގުނައެވެ. މިއިންކޮންމެ ނިޢުމަތެއްދެއްވި ކަމަށް ޓަކައި މާތް ﷲ އަށް ޙަމްދާއި ޝުކުރުކުރަންޖެހެއެވެ. އެގޮތުން އެއިން ކޮންމެ ނިޢުމަތެއްގެ ބޭނުން ކުރަންވާނީ އެކަލާނގެ ރުހިވޮޑިގެންވާ ގޮތުގެ މަތީންނެވެ.

މި ނިޢުމަތް ތަކުގެ ތެރެއިން މާތް ﷲ އިންސާނުންނަށް ދެއްވި އަގު ބޮޑު އެއް ނިޢުމަތަކީ ދުލުގެ ނިޢުމަތެވެ. އިންސާނުން ހިތުގައި އުފެދޭ ޝުޢޫރުތައް ބޭރުކުރުމަށާއި ކާބޯތަކެތީގެ ރަހަބެލުމަށް ދޫ ދެއްވިއެވެ. އެކަލާންގެ ވަޙީ ބަސްފުޅުގައިވެއެވެ. (ألم نجعل له عينين، ولسانا وشفتين) البلد: ٨ – ٩ މާނައަކީ: “ތިމަން ﷲ އެއިންސާނާ އަށް ދެލޯނުދެއްވަމުހެއްޔެވެ. އަދި ދުލަކާއި ދެތުންފަތެވެ”.

ކަން މިހެން ހުރި ނަމަވެސް ދޫ ރައްކާތެރިކުރުމުގައި ފަރުވާކުޑަކުރާ މީހުން ވަރަށްވެސް ގިނައެވެ. ނުވަތަ އެކަމަށް ސަމާލުކަމެއް ނުދީ ތާއަބަދު ދުލުން ފާފަކުޅައުމުގައި ވަގުތުތައް ހޭދަކުރާ މީހުންވެސް މަދެއް ނޫނެވެ. މިފަދަ މީހުން ވިސްނާލުން ހުއްޓެވެ. ދުލުން ހައްގު ބަހެއް ނޫނީ ނުބުނާށެވެ. ބާތިލު ވާހަކަތަކުން އެއްކިބާވާށެވެ. ޣީބަ ބުނުން ފަދަ ފާފަތަކުން ރައްކާތެރިވާށެވެ. ޚާއްޞަކޮށް ރަމަޟާން މަހުގައެވެ.

ރަމަޟާން މަހަކީ ދުލުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ މައްސަރެކެވެ. ރޯދައަށް ހުންނައިރު ހަޑިހުތުރު ބަސްތައް ބުނުމުން ނާއި ބޭނުމެއް ނެތް ބޭކާރު ވާހަކަތައް ދެއްކުމާއޮ ދޮގުހެދުން ފަދަ ކަންކަމުން އެއްކެބާވާން ޖެހެއެވެ.

މާތް ނަބިއްޔާ މުޙައްމަދު ރަސޫލު ޞައްލަﷲ އަލައިހި ވަސައްލަމް ހަދީޘް ކުރައްވަވާފައިވަނީ މިފަދައިންނެވެ. ” ރޯދައަށް ހުންނައިރު ހަޑިހުތުރު ބަހުން ބަސްތައް ބުނުމާއި އެފަދަ ކަންތައްތައް ކުރުމުންދުރުވެ އެއްކިބާ ނުވާމީހާ ހަމައެކަނި ކައިބޮއި އުޅުމުން އޭނާ އެއްކިބާވެ ހުރުމަކީ ﷲ އެދިވޮޑިގެންވާ ގޮތެއް ނޫނެވެ”. ރަވާހުލް ބުޚާރީ

މިހަދީޘްގެ މާނައަށް ބަލާއިރު، މީގެން އެނގިގެންދާ އެންމެ މުހިއްމު އެއްކަމަކީ، ރޯދަ އަށް ހުންނައިރު ހަޑިހުތުރު ބަސްތައް ބުނުމަކީ މަނާ ކުރައްވާފައިވާ ކަމެއްކަމެވެ. ރޯދަ އަށް ހުންނައިރުވެސް އަދި އެނޫން ހާލަތް ތަކުގައި ވެސް ހަޑިހުތުރު ބަސްތައް ދުލުން ބޭރުކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ.

ރޯދަވެރިޔާ ރޯދައަށް ހުރެ ހަޑިހުތުރު ބަސްތައް ބުނުމާއި އެފަދަ ކަންކަމުން އެއްކިބާ ނުވެ ހުރެއްޖެ ނަމަ އޭނާ އެ ހިފި ރޯދައިގެ ފުރިހަމަ ސަވާބާ ދަރުމަ ނުލިބޭނެކަން ރަސޫލާގެ އިސްވެ ދިޔަ ބަސްފުޅުން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ.

އެހެން ކަމުން ރޯދައަށް ހުރެ ހަޑިހުތުރު ބަސްތައް ބޭނުންކޮށް، ދޮގު ވާހަކަ ދައްކާ، ޣީބަބުނެ ނުވަތަ ނެތި މޮށި ހެދުމަކީ ރޯދަައިން ލިބޭ ސަވާބާ ދަރުމަ ކެނޑިގެން ދާކަމެކެވެ. އަދި އެފަދަ ދަށުދަރަޖައިގެ އަމަލުތައް ކުރުމުން ދުރުހެލި ނުވާހާލު ކައިބޮއި އުޅުމުން އެއްކިބާވެ ހުރުމަކީ މާތް ﷲ އެދިވޮޑިގެންވާ ގޮތެއްވެސް ނުމެ ނޫންމެއެވެ.