English Edition
Dhivehi Edition
އައްޑޫން އަތުލައިގަތް ޕާޓީ ޑްރަގްސްތައް – ފޮޓޯ : ކަސްޓަމްސް

ޕޯސްޓްގެ ޒަރީއާއިން އައްޑޫއަށް އެތެރެކުރަންއުޅުނު ޕާޓީ ޑްރަގްސްގެ ބާވަތެއް ކަމަށްވާ އެކްސްޓަސީގެ ގުޅަތަކެއް އައްޑު އަތޮޅުސިޓީ ގަން ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ނެދަލޭންޑްސް މަގުން ރާއްޖެ އައި ޕާރުސަލެއްގައި މަސްތުވާތަކެތި ހުރިކަމަށް ޝައްކުވެގެން އެ ޕާރުސަލުގެ ވެރި ފަރާތުގެ ހާޒިރުގައި ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެކްސްޓަސީއަށް ޕޮސިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މީގެތެރޭގައި ހިމެނެނީ ތަފާތު 5 ޑިސައިނަކަށް ހުރި 503.5 ގުޅަ އެވެ. މިއަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 244.60 ގުރާމު ހުއްޓެވެ.

ކަސްޓަމްސް އިން މިއަތުލައިގަތް ބާވަތުގެ މަސްތުވާތަކެއްޗަކީ ޕާޓީ ޑްރަގްސްގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތީގެ ބާވަތެއްކަމަށް ބެލެވޭ ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

މިމައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ޕާރުސަލުގެ ވެރިފަރާތް، މިމައްސަލަ އިތުރަށް ތަހުޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ހަވާލުކޮށްފައި ވާކަމަށްވެސް ކަސްޓަމުން ހާމަކުރިއެވެ.

އައްޑޫ ސިޓީ ގަން ކަސްޓަމްސް އިން ދާދި ފަހުންވެސް މަސްތުވާތަކެތި ކަމަށް ޝައްުކުކުރެވޭ ތަކެތި ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސް އިން ގިނަ އަދަދެއްގެ ޕާޓީ ޑްރަގްސް އަތުލައިގެންފައި މިވަނީ ޕާޓީ ޑްރަގްސް އާންމުވެ އޯވަޑޯޒް ވެގެން މީހުން މަރުވާ ކަމަށް ކުރެވޭ ތުހުމަތުތައް އިތުރުވެފައި ވަނިކޮށެވެ.