English Edition
Dhivehi Edition

މަދްޔަ ޕްރަދޭޝް އެއޯސިއޭޝަންގެ އޮފް ވިމެން އެންޓަޕްރިނިއާސް (އެމްއޭވީއީ) އިން ދޭ “މާވީ އެވޯޑް” މި ފަހަރު ރާއްޖޭގެ 4 ކަނބަލަކަށް ދެއްވަވައިފިއެވެ.

މާޗް މަހުގެ 24 ވަނަ ދުވަހުން ފެށިގެން 6 ގެ ނިޔަލަށް އިންޑިއާގެ ބޯޕާލްގައި ކުރިއަށް ގެންދިޔަ އެ އެސޯސިއޭޝަނުގެ ސަސްޓެއިނަބަލް ގްރޯތު އޮފް ވިމެން އެންޓަޕްރިނިއާސް އެންޑް އެކްސްޕޯޓް ޕްރޮމޯޝަން (ސްވީޕް) 2022 ގައި މި އެވޯޑު ދެއްވަވާފައިވަނީ ސްވީޕްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ވިމެން އެންޓަޕްރިނިއާސް ގެ ގޮތުގައި ފާހަގަ ކޮށްލެވޭ މަސައްކަތް ކުރާ ޚާއްޞަ ފަރާތްތަކަށެވެ.

އެގޮތުން މި އަހަރުގެ މާވީ އެވޯޑު ހާސިލް ކޮށްފައިވަނީ ޑރ މަރިޔަމް ޝަކީލާއާއި ޝާއިރާ ސަލީމް އަދި އައިޝަތު އިބްރާހިމް ގެ އިތުރުން ޝިމްލާ އަޙްމަދެވެ.

ވިޔަފާރިއާއި އެކްސްޕޯޓުގައި ހޯއްދަވާފައިވާ ކުރިއެރުން ތަކާއި އަދި ދުނިޔޭގެ ފެންވަރުގައި އަންހެނުން ބާރުވެރި ކުރުވުމަށް ކުރައްވަވާ މަސައްކަތް ފާހަގަ ކުރައްވަވާ ޑރ މަރިޔަމް ޝަކީލާއަށް އަރުވާފައިވަނީ މާވީގެ ޚާއްޞަ އެވޯޑެއް ކަމަށްވާ “ވުމަން އޮފް އެމިނެންސް” އެވޯޑެވެ.

ޝެރީ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ވިމެން އެންޓަޕްރިނިއާސް އެސޯސިއޭޝަން ގެ ޗެއަރ ޕާރސަން ޝާއިރާ ސަލީމް އާއި އޭއޯ ނިއުސްގެ ސީއީއޯ އަދި ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) ގެ ރައީސާ ޝިމްލާ އަޙްމަދު ގެ އިތުރުން އައިޝް ސެލޫންގެ ފައުންޑަރ އައިޝަތު އިބްރާހީމް އަށް ލިބިފައިވަނީ މާވީ އެޗީވްމަންޓް އެވޯޑެވެ. އައިޝަތު އިބްރާހީމް އާއި ޝިމްލާ އަޙްމަދަކީ މިއަހަރުގެ ރެހެންދި އެވޯޑު ވެސް ހާސިލް ކުރެއްވެވި 2 ބޭފުޅުންނެވެ.

މިއަހަރުގެ ސްވީޕް ގައި ރާއްޖޭގެ ޑެލިގޭޝަނުގައި ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އާއި ޑރ މަރިޔަމް ޝަކީލާގެ އިތުރުން ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން (ސްކީމް) އިން ބައިވެރިވެފައިވާއިރު އައްޑޫގެ ޖަމިއްޔާއެއްކަމަށްވާ ވެށި ސާފުން ވެސް ވަނީ ސްވީޕްގެ 3 ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.

ގްލޯބަލް ސަމިޓް އޮފް ވިމެން އޮންޓްރަޕްރެނިއަރޝިޕް (ސްވީޕް) އަކީ އޮންޓްރަޕްރިނިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މީގެ ތެރެއިން އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތް ކުރާ އަންހެނުންނާއި ވިޔަފާރިވެރި އަންހެނުން އެއްތަނަކުން ބައްދަލުކޮށް ނެޓްވޯކް ގާއިމުކުރުމަށް މަގުފަހިކުރުމާއި ބައިނަލް އަގުވާމީ މާކެޓްތަކަށް ލޯހުޅުވި ބައިނަލް އަގުވާމީ ޕޮލިސީތައް ތަރައްގީކޮށް އަންހެނުންނަށް ވިޔަފާރީގެ ތެރޭގައި މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ހޯދައި ދިނުން ފަދަ ކަންކަން ވަނީ ހިމެނިގެން ގޮސްފައެވެ. ހަމަ މިއާއެކު ވިޔަފާރީގައި ކުރިއަށް ދާން ބޭނުންވާ އަންހެނުންނަށް އެމީހުންގެ ވިޔަފާރި، ބައިނަލް އަގުވާމީ މާކެޓްތަކަށް ފޯރުކޮށްދިނުމަށް އެހީތެރިވާނެ ގޮތްތައް ޕްރޮގްރާމުގެ ތެރެއިން ވަނީ ދަސްކޮށްދީފައެވެ.

މާވޭގެ ރައީސާ އަރޗަނާ ބަޓްނަރގަރ ވިދާޅުވީ މީގެ ކުރިންވެސް ސްވީޕްގައި ރާއްޖެއިން ބައިވެރިވަމުން އަންނަ ކަމަށާއި ކޮންމެ ފަހަރަކުވެސް ރާއްޖޭގެ ބޮޑު ޑެލިގޭޝަނެއް ސްވީޕްގައި ބައިވެރިވެގެން ދާތަން ފެނުމަކީ އޮންޓްރަޕްރެނިއަރުންގެ ގޮތުގައި ކުރިއަށް ދިއުމަށް ރާއްޖޭގެ އަންހެން ކަނބަލުން ބޭނުންވެފައިވާކަން ހާމަކޮށްދޭ އަލިގަދަ ހެއްކެއް ކަމަށެވެ.

މި އަހަރުގެ ސްވީޕްގައި ޑރ މަރިޔަމް ޝަކީލާގެ އިތުރުން ޝިދާތާ ޝަރީފް އާއި ސްކީމްގެ އެއް ކޯ ފައުންޑަރ އަދި ނައިބު ރައީސާ އާމިނަތު އަލީ ވެސް ވަނީ ސްޕީކަރ އެއްގެ ގޮތުގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން އޮންޓްރަޕްރެނިއަރުންގެ ގޮތުގައި ކުރިއަށް ދިއުމުގައި ރާއްޖޭގެ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމުގައި ސަރުކާރާއި މަދަނީ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ މަސައްކަތާއި ބެހޭ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.

ސްވީޕްގައި އަންހެނުންގެ މަސައްކަތްތައް ދައްކާލުމާއި ތަކެތި އިޝްތިހާރުކޮށް އިންޓަނޭޝަނަލް އެކްސްޕޯޓް ފުރުސަތު ފަހިކޮށްދިނުމަށް ހުޅުވާފައިވާ ސްޓޯލްތަކުގައި ގިނަ ފަރާތްތަކުން ބައިވެރިވި ނަމަވެސް މިފަހަރު ރާއްޖޭގެ ސްޓޯލެއް ހަދާފައެއް ނުވެއެވެ. ކޮވިޑްގެ ބަލިމަޑުކަމާއި އިގްތިޞާދަށް އައިސްފައިވާ ހީނަރުކަމާއެކު މިފަހަރު ސްޓޯލެއް ނުނެގި ނަމަވެސް ސްވީޕްގެ ދެން އަންނަ އެޑިޝަނެއްގައި ރާއްޖޭގެ ބޮޑު ޑެލިގޭޝަނަކާއެކު ރާއްޖޭގެ އުފެއްދުންތައް ދައްކާލެވޭނެ ގޮތަކަށް މަސައްކަތް ކުރާނެ ކަމުގައި މިފަހަރުގެ ބައިވެރިން ވަނީ ބުނެފައެވެ.

2 އަހަރުން އެއްއަހަރު ބާއްވަމުން އަންނަ ، ސްވީޕްގެ ދެން އޮންނަ އިވެންޓް އޮންނާނީ 2024 ވަނަ އަހަރުގައެވެ.