English Edition
Dhivehi Edition

ދިވެހި ފުލުހުންގެ ޚިދުމަތުގެ މޯބައިލް އެޕްލިކޭޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިފްތިތާޙު ކޮށްދެއްވައިފިއެވެ.

މި އެޕްލިކޭޝަން އިފްތިތާހު ކޮށްދެއްވީ ދިވެހި ފުލުހުންގެ ޚިދުމަތުގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

އައިއޯއެސް އަދި އެންޑްރޮއިޑް ފޯނުތަކަށް ފަރުމާކޮށްފައިވާ މި އެޕްލިކޭޝަނުގައި ރަޖިސްޓްރީވުމަށްފަހު، އެމީހެއްގެ ޑްރައިވިންގ ލައިސަންސްގެ މައުލޫމާތާއި، އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ވެހިކަލްތަކުގެ އަހަރީ ފީ ސްޓޭޓަސް އެނގޭނެހެން ތަފްސީލީ މައުލޫމާތު ބަލައިލެވޭނެއެވެ. އަދި އެމީހެއްގެ ޓްރެފިކް މައްސަލަތަކާއި ޕާކިންގ މައްސަލަތައް ވެސް ބަލައިލެވޭނެއެވެ.

މީގެ އިތުރުން ފުލުހުންނަށް މައްސަލަ ހުށަހެޅުމާއި ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި ފުލުހުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ވެސް މި އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެއެވެ. އަދި ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ ޚިދުމަތާއި ކްލިއަރެންސް ސެޓްފިކެޓު ވެސް އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެއެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ.

މި އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ، އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުޢާމަލާތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށެވެ. އަދި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަރހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަންތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަ ކަމާއެކު ބަލައިލެވޭ ގޮތަށެވެ.