English Edition
Dhivehi Edition

މާދަމާރޭ ކުޅޭ ވޯލްޑްކަޕް ޕްލޭއޮފް ފައިނަލް މެޗުގެ ކުރިން ނޯތް މެސެޑޯނިއާގެ ރައީސް ސްޓީވޯ ޕެންޑަރަވޮސްކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

މާދަމާ ޕޯޗުގަލް އާއި ދެކޮޅަށް ނޯތް މެސެޑޯނިއާ ކުޅޭ ޕްލޭއޮފް މެޗުގެ ކުރިން ނޯތް މެސެޑޯނިއާގެ ރައީސް ކުރި ޓްވީޓެއްގައި ރޮނާލްޑޮއަށް އިންޒާރު ދީ ބުނެފައިވަނީ އިޓަލީއަށް ފަހު ދެން އޮތީ ރޮނާލްޑޯގެ ޕޯޗުގަލް ކަމަށެވެ. އަދި މާދަމާއަށް ތައްޔާރުވުމަށް ވެސް ރައީސްގެ ޓްވީޓުގައި ބުނެފައިވެއެވެ.

އަދި މީގެ އިތުރުން ޕެންޑަރަވޮސްކީ ބުނެފައިވަނީ ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔަކަށް ވާތީ ވޯލްޑް ކަޕް ކުޅެން ބޭނުންވާނޭ ކަމަށާއި ނަމަވެސް މާދަމާ އަކީ ލިބޭނެ އެންމެ ފަހު ފުރުސަތައްވެސް ވުން އެކަށީގެންވާ ކަމަށެވެ. އަދި އިޓަލީ ކަހަލަ ވަރުގަދަ ޓީމެއް ކަޓުވާލެވުމަކީ އާދައިގެ ޓީމަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެހެން ކަމުން އިޓަލީ ބަލިކޮށްލެވުނު އިރު، ޕޯޗުގަލް ބަލި ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ޕެންޑްރަވޮސްކީ ބުނެފައިވެއެވެ.

” އަހަރެމެން ޔޫރަޕްގެ ޗެމްޕިއަނުން ވެސް ބަލިކުރީ، އެހެންވީ މާ ރޮނާލްޑޯ އަށް ބުނެލަން އޮތީ، ޕޯޗުގަލް ވެސް ބަލި ނުކުރެވެންވީ ސަބަބެއް ނެތޭ. މިއީ ރޮނާލްޑޯގެ ޕޯޗުގަލްއަށް ލިބޭނޭ އެންމެ ފަހު ފުރުސަތުކަމަށް ވުންވެސް އެކަށީގެންވޭ.” ޕެންޑްރަވޮސްކީ ބުންޏެވެ.

ނޯތް މެސެޑޯނިއާ އަކީ ޔޫރަޕް ފުޓްބޯޅައިގައި މާ ވަރުގަދަ ބާރެއް ނޫން ނަމަވެސް ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ކަޓުވާލުމަކީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަކެވެ. އަދި މާދަމާރޭ ޕޯޗުގަލް ބަލިކޮށް މެސެޑޯނިއާއިން މިއަހަރުގެ ވޯލްޑްކަޕަށް ކޮލިފައި ވެދާނެ ކަމަށް ވެސް މިހާރު ގިނަބަޔަކު ދަނީ ބުނަމުންނެވެ.