English Edition
Dhivehi Edition

ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބާއްވާ އުރީދޫ މަސް ރޭހުގައި 23 ޓީމު ބައިވެރިވެފައިވާ ކަމަށް އުރީދޫ އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 23 ވަނަ ދުވަހަަށް ހަމަވިއިރު، 23 ޓީމަކުން ރަޖިސްޓްރީވާން އެދިފައިވާ ކަމަށެވެ.

އެހެންވެ އެ ހުރިހާ ޓީމަކަށް ފުރުސަތު ދީފައިވާ ކަމަށް ވެސަް އުރީދޫ އިން ބުންޏެވެ.

ކޮންމެ އަހަރެއްގެ ރަމަޟާން މަހު އުރީދޫއިން ބާއްވަމުން އަންނަ މަސްރޭހަކީ ގިނަބައެއްގެ މެދުގައި ވަރަށް މަޤުބޫލު އިވެންޓެކެވެ. އެހެންނަމަވެސް ކޮވިޑުގެ ޢާލަމީ ވަބާގެ ސަބަބުން ފާއިތުވި ދެ އަހަރު މި އިވެންޓު ބޭއްވޭގޮތް ވަނީ ނުވެފައެވެ.

އުރީދު މަސް ރޭހުގެ 11 ވަނަ ސީޒަން ގައި އެއްވަނަ ހޯދާ ޓީމަށް 50،000 ރުފިޔާ، އެންމެ ގިނަ މަސް ބޭނި “މުބާރާތުގެ މަސްވެރިޔާ” އަށް 5000 ރުފިޔާ އާއި ރަންކޯރި ލިބޭއިރު، އެންމެ ބަރުމަސް ބޭނި ފަރާތަށް 5000 ރުފިޔާ ލިބޭނެއެވެ.

މި މުބާރާތް ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ފިޔަވާ ކޮންމެ އަންގާރަ އަދި ހޮނިހިރު ދުވަހެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު، ގްރޭންޑް ފިނާލޭ ބޭއްވުމަށް ހަމަޖެހިފަވަނީ މޭ މަހުގެ 1 ވަނަ ދުވަހުއެވެ.

އުރީދޫ މަސް ރޭސް އެންމެފަހުން ބޭއްވީ 2019 ވަނަ އަހަރުއެވެ. އެ އަހަރު ބައިވެރިވީ 16 ޓީމެކެވެ.