English Edition
Dhivehi Edition

ޔޫރަޕް މާކެޓުގައި ދިވެހިރާއްޖެ އަކީ އެންމެ މަގުބޫލު މަންޒިލްގެގޮތުގައި އިޝްތިހާރުކޮށް ދެމެހެއްޓުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް) އާއި އިންޑަސްޓްރީ ޕާޓްނަރުން ބްރަސަލްސް ހޮލިޑޭ ފެއާގައި ބައިވެރިވެއްޖެއެވެ.

މި މަހު 24 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާރގައި އެމްއެމްޕީއާރުސީއާ އެކު 4 އިންޑަސްޓްރީ ޕާޓްނަރުން ބައިވެރިވެއެވެ.

60 އަހަރުގެ ތަޖުރިބާއާއެކު ބްރަސަލްސް ހޮލިޑޭ ފެއާރ އަކީ ބެލްޖިއަމް މާކެޓުގައި ބާއްވާ އެންމެ މަގުބޫލު އެއް ފެއާރއެވެ. 350 އެގްޒިބިޓަރުންނާއި 800 ސަބް އެގްޒިބިޓަރުން މި ފެއާރގައި ބައިވެރިވެއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާތައް ތަމްސީލްކުރާ ފަރާތްތަކުން މި ފެއާރގައި ބައިވެރިވާނެއެވެ.

މި ފެއާރ އަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިންޑަސްޓްރީ ޕާޓްނަރުންގެ ޚާއްސަ ޕްރޮޑަކްޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރަން ލިބޭ ވަރަށް ބޮޑު ފުރުސަތެކެވެ.

މި ފެއާރގައި ޓްރެވެލް ޓްރޭޑް ކޮމިޔުނިޓީގެ އެކި ފަރާތްތަކާއެކު ބައްދަލުވުންތައް ބާއްވާ، މި ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ މަގުބޫލް ޓޫރިޒަމް ޕްރޮޑަކްޓްތައް ކަމުގައިވާ ރިޒޯޓް, ގެސްޓްހައުސް, ހޯމްސްޓޭ، ހޮޓެލް އަދި ލިވަބޯޑް އިޝްތިހާރުކުރެވިގެންދާނެއެވެ. އަދި އަންޑަރވޯޓަރ ރެސްޓޯރަންޓްތަކާއި ލަގްޒަރީ އަދި ވެލްނެސް ފެސިލިޓީތައް ފަދަ ދިވެހިރާއްޖެއިން ކުރެވޭ ޙާއްޞަ ތަޖުރިބާތަކަށްވެސް އަލިއަޅުވާލެވޭނެއެވެ.

ދިވެހިރާއްޖެއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި، ރާއެްޖެއަކީ ގުދުރަތީގޮތުން ވަކި ރަށްތަކެއްގެގޮތުގައި އުފެދިފައިވާ ޖަޒީރާ މަންޒިލަކަށްވުމުން ދިވެހިރާއްޖެއަކީ ދަތުރުކުރަން އެންމެ ރައްކާތެރި އަދި އެންމެ މަގުބޫލު އެއް މަންޒިލްގެގޮތުގައި އިޝްތިހާރުކުރެވިގެންދާނެއެވެ.

މިއަހަރުގެ ޖެނުއަރީ 12ގެ ނިޔަލަށް ބަލްޖިޔަމް މާކެޓުން ރާއްޖެއަށް 219 ފަތުރުވެރިން ވަނީ ދަތުރުކޮށްފައެވެ. މި އަހަރު މި މާކެޓަށް ހާއްސަކޮށްގެން އެމްއެމްޕީއާރުސީއިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ފެމިލިއަރައިޒޭޝަން ދަތުރުތަކާއި, ޕްރިންޓް އެޑްވަޓައިޒިންގ ކެމްޕެއިންތަކާއި ސޯޝަލް މީޑިޔާ ކެމްޕެއިންތައް ހިމެނެއެވެ.

ދުނިޔޭގެ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އުފުލާ ކުންފުނީގެ ހައިސިއްޔަތުން އެމްއެމްޕީއާރްސީ އިން ވޭތުވެދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑަސްޓްރީގެ ޕާޓްނަރުންނާއެކު 22 މާކެޓެއްގައި 260 ހަރަކާތް ވަނީ ހިންގާފައެވެ. މީގެތެރޭގައި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވުމުގެ އިތުރުން، އެކި ޤައުމުތަކުގައި ރޯޑްޝޯތައް ވެސް ވަނީ ބާއްވާފައެވެ. އަދި ވެބިނާތަކާއި، ފެމިލަރައިޒޭޝަން ދަތުރުތަކުގެ އިތުރުން މާކެޓިން ކެމްޕެއިންތައް ވަނީ ހިންގާފައެވެ.

ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ރާއްޖެއަކީ ފަތުރުވެރިންގެ އިތުބާރު ލިބިފައިވާ މަންޒިލެއްކަމަށް ހެކިވާ އެންމެ އަލިގަދަ ނިޝާނަކަށް ވެގެންދިޔައީ، ‘ވޯލްޑް ޓްރެވަލް އެވޯރޑްސް’ (ޑަބްލިއުޓީއޭ) 2021ގައި ‘ވޯލްޑްސް ލީޑިންގް ޑެސްޓިނޭޝަން’ ގެ ލަގަބު ޖެހިޖެހިގެން ދެވަނަ އަހަރަށް ރާއްޖެއަށް ކާމިޔާބު ކުރެވުނުކަމެވެ. މީގެ އިތުރުންވެސް ދިވެހިރާއްޖެއިން ވަނީ ޑަބްލިއުޓީއޭ 2021ގައި އެތައް ޙާއްސަ އެވޯޑްތަކެއް ޙާސިލްކޮށްފައެވެ.

ކުރިޔަށް މިދާ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި ވަރަށް ޚާއްސަ އަހަރެކެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ޚާއްސަ ހަރަކާތްތައް މިދިޔަ އަހަރު ފަށައިގަތީ ކުލަގަދަ ހަރަކާތްތަަކަކާ އެކުގައެވެ. އެމްއެމްޕީއާރްސީގެ ފަރާތުން ރާއްޖޭގެ ޓޫރިޒަމްގެ ރަން ޔޫބީލް ފާހަގަކުރުމަށް އެތައް ހަރަކާތްތަކެއް ތާވަލް ކޮށްފައިވެއެވެ.

މީގެ ތެރޭގައި، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓަރގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 11 ފެއަރ އާއި ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.