English Edition
Dhivehi Edition

މިހާރު ކުރިޔަށްދާ ތަރައްޤީގެ މަޝްރޫޢުތަކަކީ މުޅި އައްޑޫގެ ތާރީޚުގައި ވެސް ކުރިޔަށްދާ އެންމެބޮޑެތި މަޝްރޫޢުތައްކަން ފާހަގަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް، އައްޑޫ ސިޓީ ކައުންސިލުން ޝުކުރުއަދާކުރައްވައިފިއެވެ.

އެ ކައުންސިލުން ރައީސް ސާލިހަށް ޝުކުރުއަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ސިޓީގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

އެ ސިޓީގައި ކުރިޔަށްދާ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތުތައް ރައީސް އާ ހިއްޞާކުރައްވާފައިވާއިރު، ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ސިޓީގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދުމަށް ބޭނުންވާކަންކަމާއި އައްޑޫގައި ފަތުރުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާކަންކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވާ ސިޓީ ކައުންސިލުގެ ބަޖެޓް އިތުރުކުރުމާއި ޒޯން ސްޓޭޑިއަމްގެ ލައިޓިންގ ހަރުކުރުންފަދަ ޒުވާނުންނަށް ބޭނުންވާ ކަންކަން ވެސް ވަނީ ހިއްސާކުރައްވާފައެވެ. އަދި ވަޞީލަތްތަކާއި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމާއި އިންސާނީ ވަޞީލަތް އިތުރުކުރުމާއެކު އިތުރު ވަޞީލަތްތައް ބޭނުންވާކަމާއި މި ނޫންވެސް ސިޓީގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ވަނީ ރައީސް ސާލިހު އާ ހިއްސާ ކުރައްވާފައެވެ.

މީގެ އިތުރުން ވެސް ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ކަންކަމާއި މަގުތައް ތަރައްޤީކުރުމުގައި ސިޓީ ކައުންސިލުން ބޭނުންވާ ކަންކަމާއި ސިޓީގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސިޓީ ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ވަނީ ސަރުކާރުން އަންހެނުންގެ ކުރިއެރުމަށް ކުރަމުންގެންދާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމުން އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ވިދާޅުވި މަރުޙަބާއަށް ޝުކުރު އަދާކުރައްވާ، ސަރުކާރުން އެކި ރަށްރަށާއި ސިޓީތަކުގައި ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށް ގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެންކަމުގައި ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢޫލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ޓީމުން ކައުންސިލާ ޙިއްޞާކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޑޫ ސިޓީގެ ބައެއް ބޮޑެތި މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ސިޓީ ކައުންސިލާ މަޝްވަރާކުރައްވާފައެވެ.

މީގެ އިތުރުން ކައުންސިލުން ހުށަހެޅި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވާރަކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.