English Edition
Dhivehi Edition

ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން، ގދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ އާއި ގދ. ހޯނޑެއްދޫ ކައުންސިލް ގުޅިގެން ގދ. ހޯނޑެއްދޫގައި ފޯރަމެއް ބާއްވައިފިއެވެ.

މިއަދު ހޯނޑެއްދޫ ސްކޫލުގައި ކުރިއަށް ގެންގޮސްފައިވާ މިފޯރަމްގައި ގދ. ހޯނޑެއްދޫގެ އިތުރުން ގދ. މަޑަވެލި އަދި ގދ. ނަޑެއްލާގެ ކައުންސިލު މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ. މީގެއިތުރުން ގދ. މަޑަވެލި އަދި ހޯނޑެއްދޫގައި ގާއިމުވެފައިވާ ސަރުކާރުގެ ބައެއް މުއައްސަސާތަކުން ވެސް މި ފޯރަމުގައި ބައިވެރިވެފައި ވެއެވެ.

ގދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ އިތުރުން ބިޒްނަސް ސެންޓަރާއި ހުވަދޫ އެއިޑް އިން ބައިވެރިވެ، އިރުޝާދުތައް ދީފައިވާ މިހަރަކާތަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޖެންޑަރ އީކުއަލިޓީ ޤާނޫން ތަންފީޒުކުރުމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ހަރަކާތެކެވެ.

އެގޮތުން ޖެންޑަރ މިނިސްޓްރީ އާއި ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގެ މެންޑޭޓާއި ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ މަޢުލޫމާތާއި ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ލިބޭ އަނިޔާގެ މައުލޫމާތު ގދ. ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ފަރާތުން ދީފައިވާއިރު “ޖެންޑަރ އީކުއަލިޓީ ފޯރ ސަސްޓެއިނަބަލް ޓުމޯރޯ އާއި ބެހޭގޮތުން ހުވަދޫ އެއިޑް އިން އަދި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު އިރުޝާދުތައް ބިޒްނަސް ސެންޓަރުން ދީފައިވެއެވެ.

ގދ. ހޯނޑެެއްދޫ ކައުންސިލުން ހަރަދުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މިހަރަކާތް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން މިފަދަ ފޯރަމްތައް ގިނަގިނައިން ބޭއްވުމަށް އެދިފައިވާއިރު ހުވަދުއަތޮޅުގެ އެހެނިހެން ރަށްރަށުގައި ވެސް މިފަދަ ފޯރަމްތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލީ ޝާމް ވަނީ ވިދާޅުވެފައެވެ.