English Edition
Dhivehi Edition

ރާއްޖެ އެޓޯލް ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ގދ. އަތޮޅު މުބާރާތް ވާދޫގައި މިއަދު ފަށާނެއެވެ.

ދެ ޑިވިޜަނަކަށް ބަހާލައިގެން މި މުބާރާތް ކުރިއަށް ގެންދާއިރު، އަންހެން ޑިވިޜަންގައި ގދ އަތޮޅުން ތިން ޓީމު ވާދަކުރެއެވެ. އަދި ފިރިހެން ޑިވިޜަންގައި ދެ ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އަންހެން ޑިވިޜަންގައި ހޯޑެއްދޫ ކާއްޑޭ ސްޕޯޓްސް އެކަޑަމީ (ކޭއެސްއޭ)، ފިޔޯރީ ސޮސައިޓީ ފޯ ފިޔޯރީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (ސީއެފްއީ) އަދި ވާދޫ ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި) ވަނީ ބައިވެރިވެފައެވެ. މި ޑިވިޜަންގެ މެޗުތައް ކުޅުމަަށް ނިންމާފައިވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް، އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.

ފިރިހެން ޑިވިޜަންގައި ބައިވެރިވެފައިވަނީ ސޮސައިޓީ ފޯ ފިޔޯރީ އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް (ސީއެފްއީ) އާއި ސޮސައިޓީ ފޯ ވާދޫ ޔޫތު (އެސްވީވައި) އެވެ. އެހެންކަމުން މި ޑިވިޜަން ގެ ޗެމްޕިއަންކަން ލިބޭނީ ތިން މެޗުން (ބެސްޓް އޮފް ތްރީ) ދެ މެޗު ކާމިޔާބުކުރާ ޓީމަކަށެވެ.

ވާދޫގައި މި މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެ އެޓޯލް ވޮލީ ޗެމްޕިއަންޝިޕަކީ ވޮލީބޯޅަ އެސޯސިއޭޝަނުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ޤައުމީ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ އަތޮޅަކުން ވެސް އަންހެން އަދި ފިރިހެން ޓީމެއް ވާދަކުރާނެއެވެ. އެޓީމެއް ހޮވާނީ އަތޮޅުގައި ބާއްވާ މުބާރާތަކުންނެވެ.

ގދ އަތޮޅު ކައުންސިލުން މިދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅުން ފެށިގެން މިއަހަރުގެ ޖެނުއަރީ ކުރީކޮޅާއި ހަމައަށް ވަނީ ގދ އަތޮޅު ވޮލީ މުބާރާތެއް ވެސް ބާއްވާފައެވެ. އެމުބާރާތަށް އަތޮޅުގެ ގިނަ ރަށްތަކަކުން ވަނީ ތާއީދު ވެސް ލިބިފައެވެ.

ޓެގު