English Edition
Dhivehi Edition

މިއަހަރު ގަތަރުގައި ވޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރޭ ތުރުކީ އަތުން ފަސޭހަ މޮޅެއް ހޯދާ ޕްލޭއޮފް ފައިނަލުން ޕޯޗުގަލް ޖާގަ ހޯދިއިރު، ނޯތް މެސެޑޯނިއާ އަތުން ބަލިވެ އެންމެ ފަހުގެ ޔޫރޯ ޗެމްޕިއަން އިޓަލީ ކަޓައިފިއެވެ.

ޕޯޗުގަލް ޕްލޭއޮފް ފައިނަލުން ޖާގަ ހޯދީ ރޭ ތުރުކީ އާއި ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅުނު މެޗު 1-3 ގެ ނަތީޖާއިން ކާމިޔާބު ކޮށްގެންނެވެ. އަދި އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ކެޓީ ނޯތް މެސެޑޯނިއާ އާއި ދެކޮޅަށް ކުޅުނު މެޗުން 0-1 ގެ ނަތީޖާއިން ބަލިވެގެންނެވެ.

ޕޯޗުގަލް ރޭގެ މެޗަށް ނިކުތީ އަނިޔާއާއި ސަސްޕެންޝަނުގައި ތިބި މުހިންމު ކުޅުންތެރިންތަކަކާއި ނުލައެވެ. އެގޮތުން ރޭގެ މި މުހިންމު މެޗުގައި ޕެޕޭ އާއި ކާންސެލޯ، ރެނޭޓޯ ސަންޗޭޒް، ނެވޭސް އަދި ރުބެން ޑިއާސް ރޭގެ މެޗުގައި ހިމެނިފައެއް ނުވެއެވެ. މި ކުޅުންތެރިންނާއި ނުލައިވެސް ޕޯޗުގަލް ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކާ ތުރުކީ އަތުން މޮޅުވެފައެވެ.

ރޭގެ މެޗުގައި ޕޯޗުގަލް އިން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގައި އޮޓާވިއޯ ޖެހި ލަނޑުންނެވެ. ޕޯޗުގަލްގެ ދެވަނަ ލަނޑު މެޗުގެ 42 ވަނަ މިނެޓުގައި ޖަހައިދީ ލީޑު ފުޅާކޮށްދިނީ ޑިއޭގޯ ޖޮޓާ އެވެ.

ދެ ލަނޑުގެ ލީޑަކާއި އެކުގައި މެޗުގެ ފުރަތަމަ ހާފު ޕޯޗުގަލްއިން ނިންމާލިއިރު، ފަހު ހާފަށް ކުޅެން ނިކުވެސް މޮޅަށް ކުޅެފައިވަނީ ޕޯޗުގަލްއިންނެވެ. ނަމަވެސް މެޗުގެ 65 ވަނަ މިނެޓުގައި ތުރުކީން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ތުރުކީ އަށް އެޓީމުން ފަރަގު ކުޑަކުރި މި ލަނޑު ޖަހައިދިނީ ކެޕްޓަން ބުރަކް ޔިލްމާޒްއެވެ. ޕޯޗުގަލްގެ ތިންވަނަ ލަނޑު ޖަހާފައިވަނީ މެޗުގެ އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މަތިއު ނޫނިއޭޒް އެވެ.

ރޭ މެޗުން މޮޅުވެ ޕްލޭއޮފް ފައިނަލަށް ޕޯޗުގަލް ދަތުރުކުރި އިރު، އެޓީމު ވޯލްޑްކަޕުން ޖާގައެއް ހޯދުމަށް އަންނަ އަންގާރަ ދުވަހުރޭ ކުޅޭ ފައިނަލް މެޗުން މޮޅުވާން ޖެހެއެވެ. ފައިނަލްގައި ބައްދަލުކުރަން ޖެހޭނީ ނޯތް މެސެޑޯނިއާ އާއެވެ.

ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ރޭ ޕްލޭއޮފް ސެމީގެ މެޗުން މެސެޑޯނިއާ އަތުން ބަލިވެ ކެޓިއިރު، މިއީ އިޓަލީ ވޯލްޑްކަޕް ޕްލޭއޮފް ކުޅެގެން ވޯލްޑްކަޕުން ފުރުސަތު ގެއްލުނު ދެވަނަ ފަހަރެވެ. އެންމެ ފަހުން 2018 ވަނަ އހަރު ރަޝިއާގައި އޮތް ވޯލްޑްކަޕުން ވެސް އިޓަލީއަށް ފުރުސަތު ލިބިފައިނުވާއިރު، އެޓީމަށް އެފަހަރު ފުރުސަތު ގެއްލުނީ ޕްލޭއޮފްގައި ސްވިޑެންއާއި ވާދަކޮށް 0-1 އިން ބަލިވެގެންނެވެ.

ޕްލޭއޮފްގައި ރޭ މެސެޑޯނިއާ އާއި ދެކޮޅަށް ކުޅުނު މެޗުން އިޓަލީ ބަލިވެ ކެޓިއިރު، ރޭގެ މެޗުގައި މެސެޑޯނިއާއިން ލަނޑު ޖަހާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ފަސްމިނެޓު ތެރޭގައެވެ. މެސެޑޯނިއާ މޮޅުކޮށްދިން މި ލަނޑު އެޓީމަށް ޖަހައިދިނީ އަލެކްސަންޑަ ޓްރަޖޯވްސްކީ އެވެ.

ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސްވިޑެން ވަނީ 1-0 އިން ޗެކް ރިޕަބްލިކް އަތުން މޮޅުވެފައެވެ. އަދި ވޭލްސް ވަނީ 2-1 އިން އޮސްޓްރިއާ އަތުން މޮޅުވެފައެވެ. އެވެ.