English Edition
Dhivehi Edition

މާދަމާރެއަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބާރު ޕޯޗުގަލް އަށް ބޮޑު ރެއެކެވެ. މިއަހަރު ގަތަރުގައި ބޭއްވޭ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ކަމުގައިވާފީފާ ވޯލްޑްކަޕަށް ކޮލިފައިވުމަށް ބޮޑު ހަނގުރާމައެއް ކުރަން ޖެހޭ ރެއެކެވެ. މި ހަނގުރާމައިން ކާމިޔާބު ލިބިގެން ނޫނީ ޕޯޗުގަލްއަށް ވޯލްޑްކަޕުން ފުރުސަތެއް ލިބޭކަށް ނެތެވެ.

ވޯލްޑްކަޕް ޕްލޭއޮފްގައި މާދަމާރޭ ތުރުކީއާއި ދެކޮޅަށް ކުޅޭ ޕްލޭއޮފް މެޗު ކާމިޔާބު ކުރުމަށް ގިނަ ތައްޔާރީތަކެއް ވަމުން އަންނަ ޕޯޗުގަލްގެ އެންމެ ބޮޑު އުންމީދަކީ ވޯލްޑްކަޕަށް ކޮލިފައިވުމެވެ. އެނޫން ވިސްނުމެއް މިހާރު އެމީހުންގެ ނެތެވެ.

މާދަމާރޭ ތުރުކީއާއި ދެކޮޅަށް ކުޅޭ ޕްލޭއޮފް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޕޯޗުގަލްގެ ހެޑް ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ މުޅި ޕޯޗުގަލްގެ އަމާޒަކީ އަންނަ ވޯލްޑްކަޕަށް ކޮލިފައިވުން ކަމަށާއި އެނޫން ވިސްނުމެއް މިހާރު ޓީމުގެ އެއްވެސް ކުޅުންތެރިއަކު ނުގެންގުޅޭ ކަމަށެވެ. އަދި ޓީމުގެ ހުރިހާ ކުޅުންތެރިންވެސް މި މެޗަށް ވަރަށް ވަރުގަދަ އަށް ތައްޔާރީތައް ވަމުން އަންނަ ކަމަށާއި މާދަމާރޭގެ މެޗުން މޮޅުވުމަކީ އެންމެ ފުރަރަމަ އަމާޒުކަމަށެވެ.

ސަންޓޯސް އިތުރަށް ބުނީ މާދަމާރޭގެ މެޗު ފަށޭހަ ނުވާނެ ކަން އެނގޭ ކަމަށާއި ނަމަވެސް މެޗުން މޮޅުވެވޭނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށެވެ. އަދި މިފަހަރުގެ ވޯލްޑްކަޕް ޕްލޭއޮފް މެޗުތަކުން މޮޅުވެ ޕޯޗުގަލްގެ 11 މިލިއަން ރައްޔިތުން އުފާކޮށް ހެއްވާލަ ދިނުމަކީ އެންމެ ބޮޑު އުންމީދުކަމަށެވެ. އެކަން ހާސިލްވާނެ ކަމަށް ސަންޓޯސް ވަނީ ބުނެފައެވެ.

“އަހަރެމެންގެ މުޅި ފޯކަސް ހުރީ މާދަމާ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަށް. އެހެން ވިސްނުމެއް މިހާރު ނެތް. އަހަރެމެންނަށް މާދަމާރޭގެ މެޗުން މޮޅުވެވޭނެ. އެކަން ކުރިންވެސް ވާނީ ސާބިތުކޮށްދީފަ. މާދަމާ އަހަރެމެން ބޭނުންވަނީ ޕޯޗުގަލްގެ 11 މިލިއަން ރައްޔިތުންނަށް ބޮޑު އުފަލެއް ދޭން،” ފެނާންޑޯ ސަންޓޯސް ބުންޏެވެ.

ސަންޓޯސް ބުނީ ތުރުކީ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެއީ މޮޅުކުޅުންތެރިންތަކެއް ހި،މެނޭ ވަރުގަދަ ޓީމެއް ކަމަށެވެ. ނަމަވެސް ޕޯޗުގަލް ޓީމު އޮތީ ތުރުކީ ބަލިކުރުމުގެ ވަރުގަދަ އަޒުމުގައި ކަމަށް ސަންޓޯސް ބުންޏެވެ.

މާދަމާރޭ ތުރުކީއާއި ދެކޮޅަށް ކުޅޭ ޕްލޭއޮފް ސެމީގެ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ ދެން ޖެހޭނީ ޕްލޭއޮފް ދެވަނަ މެޗުގައި އެޓީމާއި އެއް ގުރޫޕެއްގައި ހިމެނޭ އިޓަލީއާއި ނޯތް މެސެޑޯނިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށް ފައިނަލް ކުޅޭށެވެ. އެމެޗުން މޮޅުވާ ޓީމަކަށް ވޯލްޑްކަޕް ގެ ޖާގައެއް ކަށަވަރުވެގެން ދާނެއެވެ.