English Edition
Dhivehi Edition
ފިނޭންސް މިނިސްޓްރީ - ފޮޓޯ: މޯލްޑިވްސް ބިޒްނަސް ރިވިއު

ރޯދަ މަހުގެ އެލަވަންސް ކުރިޔަށް އޮތް ހަފްތާ ހޯމަ ދުވަހު ދޭން ފިނޭންސް މިނިސްޓްރީން އަންގައިފި އެވެ.

ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް މިކަން އެންގުމަށްޓަކައި ފިނޭންސް މިނިސްޓްރީން ނެރެ އާންމު ކުރި ސާކިއުލާގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ވެސް ރޯދަ އެލަވަންސްގެ ގޮތުގައި ދޭންޖެހޭ 3،000 ރުފިޔާ އަންނަ ހޯމަ ދުވަހުން ފެށިގެން ދިނުމަށް ހަނދާންކޮށްދޭ ކަމަށެވެ.

އެލަވަންސް ދޭއިރު މުވައްޒަފަކު ސަރުކާރުގެ ދެ ވަޒީފާއެއްގައި މަސައްކަތް ކުރި ނަމަވެސް އެލަވަންސް ދޭން ވާނީ އޭނާގެ އަސާސީ ވަޒީފާ އަށް އެކަނި ކަމަށާއި ޕޭލީވް އާއި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ނުދިނުމަށްވެސް ވަނީ މި ސަރކިއުލާގައި ބުނެފައެވެ.

އެހެން ނަމަވެސް ޗުއްޓީގައި ހުރި މުވައްޒަފަކު ޗުއްޓީ ނިންމުމަށްފަހު ރޯދަ މަހުގެ ތެރޭގައި އެ މުވައްޒަފަކު ވަޒީފާ އަށް ނިކުމެއްޖެނަމަ އެ ދުވަހުން ފެށިގެން ރޯދަ މަހުގެ ބާކީ ހުރި ދުވަސްތަކަށް ވާވަރަށް އެލަވަންސް ހަމަޖައްސައި ދޭންޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ރޯދަ އެލަވަންސް ދީފައި ވަނިކޮށް އެއްވެސް މުވައްޒަފަކު ރޯދަ މަހުގެ ތެރޭގައި ވަޒީފާ އިން ވަކިވެއްޖެނަަ އެ މުވައްޒަފަކު ވަކިވި ދުވަހުން ފެށިގެން ރޯދަ މަހުގެ ބާކީ ދުވަސްތަކަށް ޖެހޭ ފައިސާ އަދަދު އެ މުވައްޒަފެއްގެ އަތުން އަނބުރާ ހޯދުމަށްވެސް ސާކިއުލާގައި ބުނެފައިވެއެވެ.

ފިނޭންސްގެ ސަރކިއުލާގައި ވާގޮތުން ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ތެރެއިން ރޯދަ އެލަވަންސްގެ ވައުޗަރުތައް މާދަމާގެ ވަގުތެއްގައި އޮފީސްތަކަށް ފޮނުވާނެއެވެ.