English Edition
Dhivehi Edition

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ވަކިވަކި ވީޑިއޯ އަދި އޯޑިއޯ ސްޓްރީމިންގ ޕްލެޓްފޯމްތަކާއި ކޮންޓެންޓް-އާޓިސްޓް ޑޭޓާބޭސް ފަދަ ޕްލެޓްފޯމްތަކުގެ ފީޗަރތަކާއެކު ބައިސްކޯފު ޓީވީ އެޕްލިކޭޝަން ދައްކާލައިފިއެވެ.

މީޑިއާތަކާއި ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށް ބައިސްކޯފުގެ ޓީވީ އެޕްލިކޭޝަން ދައްކާލާފައިވަނީ މިކަމަށް ޚާއްސަކޮށް ބައިސްކޯފުގައި ބޭއްވި ހަފްލާއެއްގައެވެ.

މި ހަފްލާގައި ރާއްޖޭގެ ޓެލެކޮމިއުނޮކޭޝަން ދާއިރާގެ އިސް ފަރާތްތަކާއި މީޑިއާތަކުގެ އިސްފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ބައިސްކޯފުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިރުސާން ވިދާޅުވީ ބައިސްކޯފު ޓީވީ އެޕް ޢާންމުންނަށް މި ގެނެސްދެނީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރަކަށް ފަހު ކަމަށެވެ. އަދި ބައިސްކޯފު ބޭނުންކުރާ ވަރަށް ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.

” މި ފުރުސަތުގަ ބައިސްކޯފަށް އެކި ގޮތްގޮތުން އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކަށް އަދި ހާއްސަކޮށް ބައިސްކޯފުގެ ލޯޔަލް ކަސްޓަމަރުންނަށް ނުހަނު އިޚްލާސްތެރި ޝުކުރު ދަންނަވަން. ބައިސްކޯފު އެޕަކީ ރާއްޖޭގައި ހިންގާ އެހެން ސްޓްރީމިންގ ޕްލޭޓްފޯމްތަކާ ވަރަށް ތަފާތު އެޕެއް. މި އެޕަކީ ހައިބްރިޑް އެޕެއް.” މިރޫ ވިދާޅުވިއެވެ.

މި ހަފުލާގައި ބައިސްކޯފުގެ ފަރާތުން އެޕް ދައްކާލަމުން ބައިސްކޯފުގެ އާޓް ޑައިރެކްޓަރ ނޫރާ ރަޝީދު ވިދާޅުވީ ޓީވީއެޕްގައި މޯބައިލް އެޕްގައިވާ ހުރިހާ ފީޗަރތަކެއް ހުންނާނެ ކަމަށެވެ. އެގޮތުން މިއުޒިކް، ފިލްމު، ޓީވީ ސީރީޒް، އޯޑިއޯބުކްސް، ލައިވް ޓީވީ ޗެނަލްތައް، އަދި ތަފާތު ޖޯންރާތަކުގެ ގިނަ އަދަދެއްގެ އޯޑިއޯ އަދި ވީޑިއޯ ކޮންޓެންޓް ހުންނާނެކަމަށް ނޫރާ ވިދާޅުވިއެވެ.

މީގެ އިތުރުން ’އެޓޯލް ޗާޓްސް‘ ބައިސްކޯފު ޓީވީ އެޕަށް މުޅިން އަލަށް އިތުރުކުރެވޭނެ ކަމަށާއި އެޓޯލް ޗާޓްސް އިން ކޮންމެ އަތޮޅެއްގައި އެންމެ ހިނގާ ލަވަތައް ބަލާލެވޭނެ ކަމަށް ވެސް ނޫރާ ވިދާޅުވިއެވެ.

ޓީވީ އެޕް އާންމުކުރެވޭ ހިސާބުން ބައިސްކޯފުގެ ކޮންމެ އެކައުންޓެއްގައި ފޯނާއި ޓީވީ ބޭނުންކުރެވޭނެއެވެ. އަދި އެޕްގެ ’ކޮންޓިނިއު ވޮޗިންގ‘ ފީޗަރގެ ސަބަބުން އެމީހަކު ބަލަމުންދާ ޑިވައިސް ބަދަލުވިކަމުގައި ވީނަމަވެސް އެންމެ ފަހުން ބެލި ހިސާބުން ފެށިގެން ކުރިއަށް ދެވޭނެއެވެ.

ބައިސްކޯފު ޓީވީ އެޕް ވަރަށް އަވަހަށް ޢާންމުންނާ ހަމަޔަށް އަންނާނެކަމަށް ބުނެފައިވާއިރު، ބައިސްކޯފަށް އަލަށް ރިލީޒްކުރާ ކޮންޓެންޓްތަކާއި އަލަށް އަންނަންހުރި ކޮންޓެންޓްތަކުގެ ޓީޒަރ ވެސް ވަނީ ދައްކާލާފައެވެ.

ކޮންޓެންޓް ހެދުމަކީ ވަރަށް ބޮޑު ހޭދައަކާއި ވަރަށް ގިނަ ބައެއްގެ ވަގުތާއި މަސައްކަތް ބޭނުންވާ ކަމެއް ކަމަށާއި އެކަމަކު ކޮންޓެންޓް ޕައިރެޓްކޮށް އެހެނިހެން ޕްލެޓްފޯމްތަކުގައި އާންމުކުރުމާއި އެފަދަ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމުގައި ހުރި ދަތިތަކަކީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ބައިސްކޯފަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުންކަމަށް ވެސް އެފަރާތުން ބުންޏެވެ.

ރާއްޖޭގައި މިވަގުތު އެންމެ ކުރިއަރާފައިވާ، ނަން ހިނގާ ސްޓްރީމިންގ ޕްލެޓްފޯމް ބައިސްކޯފު އެޕް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ސްޓްރީމްކުރެވޭނެއެވެ. 12 ނޮވެމްބަރ 2018 ގައި ޢާންމުކޮށްފައިވާ ބައިސްކޯފު އެޕްލިކޭޝަންގެ ކަސްޓަމަރުންގެ އަދަދު މިހައިތަނަށް 150،000 އިން މައްޗަށް ވަނީ އަރާފައެވެ. އަދި ދުވަހެއް ދުވަހަކަށް އެ ޢަދަދު އަންނަނީ އިތުރުވަމުންކަންވެސް ފާހަގަކޮށްލެވެއެވެ.

ބައިސްކޯފް ވެބްސައިޓް www.baiskoafu.com އިން ބީއެމްއެލް ޕޭމަންޓް ގޭޓްވޭ އަދި ދިރާގު ސަބްސްކްރިޕްޝަން ޕޯޓަލް މެދުވެރިކޮށް ބައިސްކޯފަށް ސަބްސްކްރައިބްކުރެވޭއިރު، ބައިސްކޯފު ސަބްސްކްރިޕްޝަން އާ ގުޅޭ މައުލޫމާތު ބައިސްކޯފުގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ ބައިސްކޯފު ވައިބަރ ސަޕޯޓް 7983863 ނަމްބަރުން ލިބޭނެއެވެ.

ހުރިހާ އުމުރަކާ ގުޅޭ ކޮންޓެންޓް ހިމެނިފައިވާ ބައިސްކޯފު ޓީވީ އެޕް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ބައިސްކޯފުގެ ކޮންޓެންޓް ބޮޑު ސްކްރީނަކުން ބަލާލުމުގެ ފުރުސަތު ބައިސްކޯފު ބޭނުންކުރާ ފަރާތްތަކަށް ހޯދައިދިނުމެވެ.