English Edition
Dhivehi Edition

މާލޭ ސްވިމިންގ ޓްރެކް ސަރަހައްދާއި ހުޅުމާލޭ ފޭސް2 ބީޗް ސަރަހައްދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފުން ސާފުކޮށްފިއެވެ.

އެ ބޭންކުން ބުނީ މިއީ އެ ބޭންކުގެ މުވައްޒަފުން އިސްނަގައިގެން ބޭއްވި ހަރަކާތެއް ކަމަށާއި މި ހަރަކާތް ބާއްވާފައިވަނީ މިއަދު ކަމަށެވެ. އަދި މިއީ މާރޗު މަހުގެ 20 ވަނަ ދުވަހު ފާހަގަކުރާ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސް އާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ޑައިވް ކްލަބް މޯލްޑިވްސް އާއި ޑައިވް ޑެސްކް އަދި ޕާރލޭ އާ ގުޅިގެން މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ ބޭންކްގެ މުވައްޒަފުން މީގެ ތިން އަހަރުކުރިންވެސް ސްވިމިންގ ޓްރެކް ސާފުކުރި ކަމަށާއި އޭރާ އަޅާބަލާއިރު މިހާރު އެ ސަރަހައްދު ސާފުކަމަށް ފާހަގަކުރެވޭ ކަމަށެވެ.

އެހެންނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ދަޅާއި ޕްލާސްޓިކް ފުޅި މޫދަށް އަޅާފައި ހުންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ މި ހަރަކާތުގައި 660 ކިލޯގެ ކުނި ނަގާފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.