English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: ޕޮލިސް

ފުވައްމުލައް ސިޓީގައި ކުޑަކުދިންގެ ޑިޓެންޝަން ފެސިލިޓީއެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަަށް ހުޅުވާލާފައެވެ،މި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 މާރޗް 22 ވަނަ ދުވަހުގެ 14:00 އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯންނާނެ ކަމަށެވެ.އަދި މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 2022 މާރޗް 27 ވާ އާދިއްތަ ދުވަހުގެ 14:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައިކަމަށެވެ.

ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމަށްވެސް މި އިއުލާނުގައިވަނީ ބުނެފައެވެ.

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 82 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގައި ބަޔާން ކުރާ ޖުވެނައިލް ޑިޓެންޝަން ސެންޓަރު ގާއިމު ކުރުމަށް އެ މާއްދާގެ (ށ) އިން މިނިސްޓާ އޮފް ހޯމް އެފެއާޒްގެ މައްޗަށް ލާޒިމު ކޮށްފައި ވާއިރު، ހިންމަފުށީ ޖަލުގައިވެސް މިހާރުވަނީ މިފަދަ ސެންޓަރެއް ގާއިމުކޮށްފައެވެ.

ކުޑަކުދިންގެ އަދުލުގެ ޤާނޫނުގައި ބުނެފައިވާ ގޮތުގައި، ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގޮތުގައި ދެވައްތަރެއްގެ މަރުކަޒެއް ގާއިމް ކުރަން ޖެހެއެވެ.

މީގެ ތެރެއިން އެއް ވައްތަރުގެ މަރުކަޒަކީ ޖުވެނައިލް ޑިޓެންޝަން ސެންޓަރެވެ. އެ ސެންޓަރުގައި ބައިތިއްބަން ޖެހެނީ ދިގު މުއްދަތަކަށް ބަންދު ކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށް ކުރާ ކުދިން ފިޔަވައި އެހެން ކުދިންނެވެ. އަނެއް ވައްތަރުގެ މަރުކަޒަކީ ލޯންގް ޓާމް ސެކިއޯ ފެސިލިޓީއެވެ. މިއީ ދިގުމުއްދަތަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން މުޖުތަމައާ އެކަހެރިކޮށް ބަހައްޓަން ޖެހޭނަމަ ބަހައްޓަން ޖެހޭ މަރުކަޒެވެ.