English Edition
Dhivehi Edition

ދިރިއުޅުމުގައި ހިތާމައާއި ދަތި އުނދަގޫތަކާއި ކުރިމަތިލާން ޖެހުމަކީ މި ވަގުތީ ދުނިޔޭގައި ކުރިމަތިވާނެ ކަމަކެވެ. ކޮންމެ އިންސާނަކަށް ވެސް މި ކަންކަން ތަހައްމުލް ކުރަން ޖެހޭނެއެވެ. ކިތެންމެ ތަނަވަސް ދިރިއުޅުމެއް އުޅޭ މީހެއް ކަމުގައިވިޔަސް އަދި ކިތެންމެ ފަޤީރު ހާލުގައި ދިރިއުޅޭ މީހެއް ކަމުގައި ވިޔަސްމެއެވެ.

މި ދުނިޔެއަކީ ތަފާތު ނިގަގުނަ އިމްތިޙާން ތަކާއި ކުރިލާން ޖެހޭ ތަކެނެކެވެ. އެއީ މި ދުނިޔޭގެ އާދަކާދައިގެ ތެރެއިން ހިނގާނެ އަދި ހިނގާ ކަމެކެވެ. ބައެއް މީހުންނަށް ބޮޑެތިކަންތަކެވެ. އަނެއްބައި މީހުންނަށް ކުދި ކަންތަކެވެ. މިއީ ހައްތާވެސް އަހަރެމެން އިންސާނުން އިމްތީޙާން ކުރެއްވުމަށް ކީރިތި ވަންތަ މާތް ﷲ މެދުވެރި ކުރައްވާ ކަންތައްތެކެވެ.

މަޝްޙޫރު ދީނީ ޢިލްމުވެރިޔާ ޒިމްބާބުވޭގެ އިސްމާއިލް މުފްތީ މެންކް ވިދާޅުވެފައިވަނީ ދުނިޔޭގައި ދިމާވާ ދަތި އުނދަގޫ ހާލަތަކީ ހަމަ ކޮންމެ އިންސާނަކަށް ވެސް ކުރިމަތިވާނެ އަދި ކުރިމަތި ވެދާނެ ހާލަތެއް ކަމަށެވެ. ދަތިކަމަކަށް ފަހު ފަސޭހަކަންވެސް ކުރިމަތިވާނެކަމަށާއި އެހެން ކަމުން ދުނިޔޭގައި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކުގައި ކެތްތެރިވެ މާޔޫސް ނުވެ، ހިތްވަރަކާއި އެކު ކުރިޔަށް ދިއުމަކީ އެންމެ ބުއްދިވެރި ގޮތްކަމަށް ވިދާޅުވެފައިވެއެވެ.

މެންކް ވިދާޅުވެފައިވަނީ އެފަދަ ދަނޑިވަޅުތަކުގައި ވެސް ވިސްނަންވީ ދަތި އުނދަގޫ ހާލަތަކީ މާތް ﷲ އެކަލާންގެ އަޅުތަކުންނަށް މެދުވެރި ކުރައްވާ އިމްތިޙާނެއް ކަމާއި އެފަދަ ދަނޑިވަޅުތަކަކީ ކެތްތެރިކަން އިސްކުރަން ވީ ވަގުތު ކަމަށެވެ. މާޔޫސްވެ އުންމީދު ކަނޑާލަން ވީ ވަގުތު ނޫންކަމަށެވެ.

އަދި ކުރިމަތިވާ ހިތާމަތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި މާތް ﷲ ދެއްވާފައިވާ ނިޢުމަތްތަކާއި މެދު ވިސްނާ އެކަމަށް ޝުކުރުވެރިވެ، ގިނަގިނައިން މިފަދަ ހާލަތްތަކުން މިންޖުވޭތޯ ﷲ އަށް ދުޢާކުރުމަކީ ކުރުން އެންމެ މޮޅުއިތުރު ކަންތައް ކަމަށް ވެސް ޝައިޚް ވަނީ ވިދާޅުވެފައެވެ.