English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: އަވަސް

ވ. އާރަށުގެ މައްސަލައިގާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ފަރާތުން ހެކި ހުށަހެޅުމަށް 5 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.

އެ މައްސަލައިގާ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ މަނީ ލޯންޑަރިންގއާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

މިމައްސަލައާއި ގުޅުންހުރި މުހިންމު ލިޔުންތަކެއް ލިބިފައި ނުވާތީ އިތުރު މުއްދަތެއް ދިނުމަށް ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑު އެހުމުގައި ރައީސް ޔާމީނާއި، ޔޫސުމް ނައީމްގެ ފަރާތްޕުޅުން ވެސް ވަނީ އެދިފައެވެ. އެހެންވެ މިމައްސަލާގައި ޤާޟީ ވަނީ ދެފަރާތުން އެދުނު ގޮތަށް މިމައްސަލައިގެ ހެކި ހުށަހެޅުމަށް 5 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

ރައީސް ޔާމީންގެ ޤާނޫނީ ޓީމުންވަނީ މިއަދުވެސް ވަނީ މިމައްސަލަ ލައިވް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ. އެކަމަށް ރިޔާޢަތް ކުރައްވާ ގާޟީ އަހުމަދު ޝަކީލް ވިދާޅުވީ މިމައްސަލައިގެ އިބްތިދާއީ ބައި ނިމި ޝަރީއަތް ފެށުމުން، މައްސަލަ ލައިވް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މިމައްސަލައިގައި ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31ވަނަ ދުވަހުއެވެ. އާރަށުގެ މައްސަލައިގެ އިތުރުން ރ. ފުއްގިރި ކުއްޔަށްދޫކުށްގެން ލިބުނު 1.3 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަކަށް ޖަމާކުރެއްވި މައްސަލާގައި ވެސް ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުގައިދަނީ ޝަރީޢަތް ހިންގަމުންނެވެ.

ރައީސް ޔާމީންގެ އިތުރުން، މިމައްސަލާގައި ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނަޢީމްގެ މައްޗަށްވެސް ވަނީ ދަޢުވާ އުފުލާފައެވެ. އޭނާގެ މައްޗަށްކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ދަޢުވާއެވެ.