English Edition
Dhivehi Edition

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ބޭފުޅުންނަށް ރުހުންދިނުން މާދަމާގެ ޖަލްސާގައި އެޖެންޑާ ކޮށްފިއެވެ.

އެހެންކަމުން އޭސީސީއަށް އައްޔަންކުރަން ރައީސް މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ނަންތައް ދިރާސާކޮށް، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހަޅައި އެ ރިޕޯޓަށް ބަހުސް ކުރުން މާދަމާ އޮންނާނެއެވެ. އަދި ބަހުސް ކުރުމަށް ފަހު އެ ބޭފުޅުން އޭސީސީއަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދިނުމާބެހޭގޮތުން ވޯޓަށް އަހާނެއެވެ.

އޭސީސީއަށް މެންބަރުން އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެއްވުމަށްއެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި، ހިމެނޭ ލިސްޓުގައި އެ ކޮމިޝަނަށް އައްޔަން ކުރެއްވުމަށް އެމަނިކުފާނު އިސްކަން ދެއްވާފައިވާ ފަސް ބޭފުޅުންނަށް މަޖިލީހުން ރުހުންދޭން ފެންނަ ކަމަށް، މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެބޭފުޅުންގެ ނަންތައް ދިރާސާކުރުމުގެ މަސައްކަތް ކޮމިޓީން ކުރިއަށްގެންދިޔައިރު، އެ ބޭފުޅުންނާ ބެހޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ކޮމިޓީން ފުުރުސަތު ހުޅުވާލުމަށްފަހު، ކޮމިޓީގެ ބައްދަލުވުމަށް އެބޭފުޅުން ވަކިވަކިން ހާޟިރުކޮށް، ކޮމިޓީގެ މެންބަރުން ވަނީ އިންޓަވިއު ކޮށްފައެވެ. އަދި
އެއަަށްފަހު އޭސީސީއަށް އައްޔަންކުރުމަށް ކޮމިޓީގެ ރުހުން އޮތްތޯ ބެލުމަށް އެއިން ކޮންމެ ބޭފުޅަކަށް ވަކިވަކިން ވަނީ ވޯޓަށް އަހާފައެވެ.

އޭސީސީގައި މީގެކުރިން ތިއްބެވި ހުރިހާ މެންބަރުން އިސްތިއުފާދެއްވުމާ ގުޅިގެން އެ ކޮމިޝަން މިހާރު އޮތީ ގާނޫނީ ހުސްކަމެއްގެ ތެރޭގައެވެ. އެބޭފުޅުން އިސްތިއުފާ ދެއްވީ އެ ކޮމިޝަންގެ މަސައްކަތް އެންމެއެދެވޭ ގޮތުގައި ނުކުރެެވޭކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލަން ފެށުމާއިގުޅިގެންނެވެ.

އެންޓީ ކޮރަޕްޝަން ކޮމިޝަންގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ 60 ދުވަސް ތެރޭ އައު މެންބަރަކު އައްޔަންކުރަން ޖެހޭނެކަމަށް އޭސީސީގެ ގާނޫނުގައި އޮތްނަމަވެސް އެ ކޮމިޝަނަށް އައު މެންބަރުން އައްޔަންކުރަން ޖެހޭ ގާނޫނީ މުއްދަތު ވެސް ވަނީ ހަމަވެފައެވެ.

އޭސީސީއަށް އައްޔަން ކުރުމަށް ރައީސް އިސްކަން ދެއްވާފައިވާ ފަސް ބޭފުޅުން:

  • އާދަމް ޝާމިލް، ތ. ވިލުފުށީ، ރަތްވިލާގެ
  • އަބްދުއްސަލާމް، ށ. ނަރުދޫ، ހަޥާ
  • ތޯހާ މުހައްމަދު، އދ. މާމިނގިލި، ކަޅިހާރުގެ
  • ޝަޒްނާ ހާޝިމް، ހދ. ނޮޅިވަރަންފަރު، ރިހިވިލު
  • ޝިޔާމާ މުހައްމަދު، ރ. ހުޅުދުއްފާރު، ނާރެސް