English Edition
Dhivehi Edition

ސްރީ ލަންކާގައި ބޮމުގެ ހަމަލާ ދިން ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ސްކޫލެއްގެ ޕްރިންސިޕަލަކާއި ޓީޗަރަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހޮރޮޕަތަނާ ސިޓީން އުމުރުން 56 އަހަރުގެ ޕްރިންސިޕަލާއި 47 އަހަރުގެ ޓީޗަރު ހައްޔަރުކުރީ ސްޕެޝަލް ޓާސްކް ފޯހުންނެވެ. ފުލުހުން ބުނީ އެ ޖަމާއަތުގެ ޝަންގްރިއްލާ ހޮޓަލުގައި ބޮން ގޮއްވި ޒަހްރާން ހާޝިމްއާ އެ ދެ މީހުން ގުޅުން އޮންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ހައްޔަރު ކުރި ދެ މީހުން މިހާރު ވަނީ ކެބިތިގޮލެވާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފަ އެވެ.

އެޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން މުސްލިމުންނާ ދެކޮޅަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. މިސްކިތްތަކާއި މުސްލިމުންގެ ފިހާރަތަކަށް ހަމަލާ ދިންކަމުގެ ތުހުމަތުގައި ވަނީ 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.

ލަންކާގެ ތިން ފައްޅިއަކާއި ތިން ހޮޓަލަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިނުމުގައި ވަނީ ނުވަ މީހަކު ބައިވެރިވެފަ އެވެ. ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލައިފަ އެވެ